ޖަރުމަންވިލާތުގެ ލުފްތަންސާ އެއާލައިނުން ލުބުނާނަށް ކުރާ ރޭގަނޑުގެ ދަތުރުތައް މެދުކަނޑާލައިފިއެވެ.

އިސްރާއީލާއި ލުބުނާނާއި ދެމެދު މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި ލުފްތަންސާއިން ބުނީ، ބެއިރޫތަށް ކުރާ ރޭގަނޑުގެ ދަތުރުތައް މިމަހުގެ 31 ވަނަ ދުވަހާއި ހަމައަށް މެދުކަނޑާލާފައިވާ ކަމަށެވެ.

މިމަހުގެ 29 ވަނަ ދުވަހު މި ނިންމުން ނިންމި ނަމަވެސް، ދުވާލު ކުރަމުން އައި ދަތުރުތައް ކުރާނެ ކަމަށް އެއާލައިނުން ވަނީ ބުނެފައެވެ.

ލުފްތަންސާ ގްރޫޕުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ސްވިސް އިންޓަނޭޗަނަލް އެއާލައިންސްއިން ބުނީ ލުބުނާނާއި އިސްރާއީލާއި ދެމެދު އޮންނަ ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ސިޔާސީ ކަންކަމާއި ހަނގުރާމައިގެ ސަބަބުން ބެއިރޫތަށް ކުރަމުން އަންނަ ރޭގަނޑުގެ ދަތުރުތައް ޖުލައި މަހުގެ ނިޔަލަށް ދުވާލުގެ ކޮންމެ ވެސް ވަގުތަކަށް ބަދަލު ކުރާނެ ކަމަށެވެ.

ލުބުނާނާއި އިސްރާއީލާއި ދެމެދު މިވަގުތު ކުރެވެމުން އަންނަ ހަނގުރާމައަކީ އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ލުބުނާނުން ވެސް ޣައްޒާއާއި އެއްކޮޅަށް ތެދުވެ، އިސްރާއީލަށް ހަމަލާތަކެއް ދީފައިވާތީ، ކުރެވެމުން އަންނަ ހަނގުރާމައެކެވެ. މިހަނގުރާމަ މެދުކެނޑުމެއް ނެތި ކުރެވެމުން އަންނައިރު، ލުބުނާން-އިސްރާއީލް ބޯޑަރު ސަރަހައްދުގައި ހަމަލާތައް ބަދަލު ކުރެވޭއިރު، ދެފަރާތުން ވެސް އަންނަނީ ދެ ގައުމަށް ހަމަލާތަކެއް ދެމުންނެވެ.