ޕާކިސްތާނުގައި ޤަވައިދާ ޚިލާފަށް އުޅޭ އަފްޣާނިސްތާނުގެ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ދެވަނަ ބުރުގެ މަސައްކަތް އެގައުމުން ފަށައިފިއެވެ.

މި މަސައްކަތުގެ ދެވަނަ ބުރު އިއްޔެ ވަނީ ޕާކިސްތާނުގައި ފަށާފައެވެ. މި ބުރުގައި އެކަނި 800،000 އަށް ވުރެ ގިނަ އަފްޣާނިސްތާނުގެ މީހުން އެގައުމުން ފޮނުވާލުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތަށް ފޮނުވާލާން ވޮލަންޓިއަރކޮށް އެންގުމުން ޕާކިސްތާނުން ނުނިކުމެއްޖެނަމަ ރެފިއުޖީން ހައްޔަރުކޮށް ޑީޕޯޓުކުރާނެއެވެ.

ޕާކިސްތާނު ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރެފިއުޖީން ފޮނުވާލުމުގެ ފުރަތަމަ ބުރުގައި ގާތްގަޑަކަށް 4.4 މިލިއަން އަފްޣާން ރެފިއުޖީން ޕާކިސްތާނުގައި ތިބި ކަމަށާއި އޭގެތެރެއިން 1.73 މިލިއަން މީހުންނަކީ ލިޔެކިޔުންތައްނެތި، ގަވާއިދާ ޚިލާފަށް އުޅޭ މީހުން ކަމަށެވެ.

ހަތިޔާރު އެޅި ހަމަލާތައް އެ ގައުމުގައި ވަރަށް ބޮޑަށް އިތުރުވެފައިވަނިކޮށް ޕާކިސްތާނުން އަފްޣާން ރެފިއުޖީން ޑީޕޯޓް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި އެ ހަމަލާތައް ދެމުން އަންނަނީ އަފްޣާނިސްތާނުގައި ތިބި ޖަމާއަތްތަކުންނެވެ. ނަމަވެސް އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާނުން ވަނީ އެކަން ދޮގުކޮށްފައެވެ.

ރެފިއުޖީން ފޮނުވައިލުމާ ގުޅިގެން އިސްލާމްއާބާދުގައި ހުންނަ ހައިކޮމިޝަނާ ފޯ ރެފިއުޖީސް (ޔޫއެންއެޗްސީއާރު)ގެ މަންދޫބު ފިލިޕާ ކެންޑްލާ އަލްޖަޒީރާއަށް ވިދާޅުވީ ލިޔެކިޔުންތައް ނެތް ގިނަ މީހުންނަކީ ބައިނަލްއަގުވާމީ ހިމާޔަތް ބޭނުންވާ މީހުން ކަމުން ޕާކިސްތާނުން އެމީހުން ފޮނުވާލުމުގެ ކުރިން ލިޔެކިޔުންތައް ނެތް އަފްޣާނުންގެ ޕްރޮފައިލްތައް ބަލަންޖެހޭ ކަމަށެވެ. އަދި އަފްޣާނިސްތާނުގެ އެއްވެސް ރައްޔިތަކު ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިވިނަމަ އެކަމާ ވަކިން މުއާމަލާތް ކުރަން ޖެހޭ, ކަމަށް ކެންޑްލާ ވަނީ ވިދާޅުވެފައެވެ.

ގާތްގަނޑަކަށް 1،300 އަފްޣާން އާއިލާ ދިރިއުޅޭ ޕެޝަވާރު ސިޓީގައި ހުންނަ ޚަޒާނާ ރެފިއުޖީ ކޭމްޕުން ރިޕޯޓް ކުރަމުން އަލްޖަޒީރާގެ ކަމާލް ހައިދަރު ބުނި ގޮތުގައި އަފްޣާންގެ ރެފިއުޖީން ވަނީ އެ މީހުން މިހާރުން މިހާރަށް ފޮނުވައިނުލައި އިތުރު ވަގުތު ދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށާއި ޕާކިސްތާން ސަރުކާރުގައި އެދިފައެވެ.

ޕާކިސްތާނަކީ 1951 ވަނަ އަހަރު ފާސްކުރި ރެފިއުޖީންގެ ހައްގުތައް ހިމާޔަތްކުރާ އދ.ގެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެއް ނޫނެވެ. އަދި ރެފިއުޖީން ހިމާޔަތް ކުރުމަށް އެތެރޭގެ ގާނޫނުތަކުގެ އިތުރުން އެގައުމުގެ ބޯޑަރުތަކުގެ ތެރޭގައި ބައިނަލްއަގްވާމީ ހިމާޔަތެއް ހޯދަން ބޭނުންވާ ފަރުދުންގެ ހާލަތު ކަނޑައެޅުމުގެ އުސޫލުތަކެއް ވެސް އެ ގައުމުގައި ނެތެވެ. އަފްޣާނިސްތާނަށް އެނބުރި ދާ ރެފިއުޖީންނަށް އަނިޔާވެރިވެރިކަމާ ކުރިމަތިލާން ޖެހިދާނެކަމުގެ ނުރައްކާތެރި އިންޒާރު، ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ، އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ދީފައެވެ.

ޕާކިސްތާނުގެ މި ފިޔަވަޅަކީ އެގައުމުގައި އުޅޭ ބައިމިލިއަނަށް ވުރެ ގިނަ އަފްޣާނިސްތާނު ރައްޔިތުން އެނބުރި ފޮނުވާލަން މިދިޔަ އޮކްޓޯބަރު މަހު ނިންމި ނިންމުމާއިވެސް ގުޅުން ހުރި ފިޔަވަޅެކެވެ. އަފްޣާނިސްތާނުގެ ތޯލިބާން ސަރުކާރުން ޕާކިސްތާނުގެ ތޯލިބާނު ހަނގުރާމަވެރިންނަށް ހިމާޔަތް ދޭ ކަމަށް ޕާކިސްތާނުން ތުހުމަތު ކުރާތީ ދެ ގައުމުގެ ދޭތެރޭގައި ގުޅުން އޮންނަނީ ހީނަރުވެފައެވެ.