ޖެނީވާގައި ހުންނަ އދ.ގެ ޤައިދީން ނުހައްޤުން ބަންދުކުރުމާ އިންސާނީ ހައްޤުތަކާއި ބެހޭ މަސައްކަތު ގްރޫޕުން ބުނެފައިވަނީ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުގައި ބަންދުކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި އަދި އޭނާ ވަގުތުން ދޫކޮށްލުމަށް އެ ގުރޫޕުން ގޮވާލާކަމަށެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަސައްކަތު ގްރޫޕުން ބުނެފައިވަނީ، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ހައްޔަރުކޮށްފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ޕާކިސްތާންގެ ސަރުކާރޔން އަމިއްލަ އިޚްތިޔާރުގައި ނިންމާފައިވާ ނިންމުންތަކެއްގެ މައްޗަށް ކަމަށެވެ.

އެ ގުރޫޕުން މި ދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި، ޖެނީވާގައި މަސައްކަތްކުރާ އދ. ގެ ޖަމިއްޔާ އެއް ކަމަށްވާ ޤައިދީން ހައްޔަރުކުރުމާބެހޭ މަސައްކަތު ގްރޫޕުން ބުނެފައިވަނީ އެންމެ އެކަށީގެންވާ ހައްލަކީ އިމްރާން ޚާން ވަގުތުން ދޫކޮށްލުމާއި، ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އޭނާ އަށް ލިބިފައިވާ ނުހައްޤު އަނިޔާތަކުގެ ބަދަލު ނަގައިދިނުމާއި އެހެނިހެން ފަރުވާތައް ހޯދުމުގެ ތަންފީޒުކުރެވޭނެ ޙައްޤު އޭނާއަށް ދިނުމަށެވެ.

މިނިވަން ފަސް މާހިރުންގެ މައްޗަށް އެކުލެވޭ މި ގްރޫޕުން ބުނެފައިވަނީ، އެމީހުންގެ ޚިޔާލުތަކަކީ ތަބާވާން މަޖުބޫރު އެއްޗެއް ނޫން ނަމަވެސް އެއީ އަބުރުވެރިކަމާއެކު ބަލައިގަނެވޭ އެއްޗެއްކަމަށާއި، އިމްރާން ޚާންގެ ޤާނޫނީ މައްސަލަތަކަކީ އޭނާއާއި އޭނާގެ ޕާކިސްތާން ތަހްރީކް އެ އިންސާފް (ޕީޓީއައި) ޕާޓީއާ ދެކޮޅަށް ކުރެވޭ މާ ބޮޑު އަނިޔާވެރި ކެމްޕޭނެއްގެ ބައެއްކަމަށެވެ.

އެ ގްރޫޕުން ބުނެފައިވަނީ 2024 ވަނަ އަހަރުގެ ޕާކިސްތާނުގެ އާންމު އިންތިޚާބަށް ތައްޔާރުވަމުން ދިޔައިރު، އިމްރާން ޚާންގެ ޕާޓީގެ މެންބަރުން ހައްޔަރުކޮށް އަނިޔާކުރެވުނު ކަމަށާއި، އެމީހުންގެ ރެލީތައް ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ހުއްޓުވި ކަމަށެވެ. އަދި އިންތިޚާބުގެ ދުވަހު ފުޅާ ދާއިރާއެއްގައި އޮޅުވާލުންތައް ހިންގައި، އެތައް ޕާލިމެންޓަރީ ގޮނޑިއެއް ވަގަށް ނެގިކަމަށް ވެސް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފައިވެއެވެ.

ޕާކިސްތާނުގެ ސަރުކާރުން މިހާތަނަށް މި ބަޔާނާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެ ޤައުމުގެ އިންތިޚާބާ ބެހޭ ކޮމިޝަނުން ބުނެފައިވަނީ ފެބްރުއަރީ މަހު ބޭއްވި އިންތިޚާބުގައި އެއްވެސް އޮޅުވާލުމެއް ނެތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަލިފްދާލޫ...... އިޒްރޭލާ ދިމާލަށް އެއްޗެކޭ ބުނެބަލަ ތިހެން ހަރުކަށިކޮށް

  2. ހުސެއިން ޝާމް

    ހައްދަވާ ބޮޑުކުރެއްވި ރަހުމާނު ވަންތަ ރަޙީމު ވަންތަ ﷲ .އަޅަމެންގެ ތެރެއިންވެސް ބަންދުވެފަ ތިބި ކުދިން އިބަރަސްކަލާނގެ ރަހުމަތް ފުޅުން މިނިވަން ކޮށް ދެއްވާދޭވެ.އާމީން. ދުޢާކުރެވިދާނެ ބަޔަކު ދޫކުރިއްޔާ ދޫކުރެވޭނީ. ﷲއަކްބަރު، ﷲއަކްބަރު ،ޖިބްރީލުލް އަމީން.