ދަތުރުކޮށްފައި ދިޔަ ފްލައިޓެއްގެ ކޮކްޕިޓުގެ ބިއްލޫރިގަނޑެއް ތަޅައިގެން ދިއުމުގެ ސަބަބުން އިމަޖެންސީގައި ޖައްސައިފިއެވެ.

އެމެރިކާގެ ސެން ޖުއާން އިން ޓެމްޕާއަށް ދަތުރުކުރަމުންދަނިކޮށް، ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވަނީ، ޖެޓް ބްލޫ އެއާލައިންގެ ފްލައިޓެއްގައެވެ. މި ހާދިސާގައި އެ ފްލައިޓުގެ ކޮކްޕިޓުގެ ކަނައަތްފަރާތުން ވިންޑްޝީލްޑުގެ ބޭރު ފަށަލަ ތަޅައިގެން ގޮސް ވަރަށް ބޮޑަށް ރެންދުލާފައިވާއިރު، ހާދިސާ ހިނގުމާއި ގުޅިގެން ފްލައިޓް އިމަޖެންސީގައި ޖައްސާފައިވަނީ ފްލޮރިޑާގެ ސިޓީއެއްގައެވެ.

މި ހާދިސާ ހިނގި ވަގުތު ފްލައިޓުގައި ގިނަ ޢަދަދެއްގެ ފަސެންޖަރުންވެސް ތިބިއިރު، އެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ފްލައިޓް ވަނީ ރައްކާތެރިކަމާއި އެކު އެއާޕޯޓަކަށް ޖައްސާފައެވެ.

މި ހާދިސާ ހިނގި ވަގުތު ފްލައިޓް ތެރެއިން ނަގާފައިވާ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަނީ ފްލައިޓުގެ ކެބިންކްރޫ ފަސެންޖަރުންނާއި އެ މަޢުލޫމާތު ޙިއްސާކޮށް އިރުޝާދު ދޭ މަންޒަރެވެ.

ޖެޓް ބްލޫ އެއާލައިންސްގެ "ފްލައިޓް 1052" ދަތުރުކުރަމުން ދަނިކޮށް ހިނގި މި ހާދިސާ އާއި ގުޅިގެން އެ އެއާލައިނުން ފަސެންޖަރުންގެ ކިބައިން މަޢާފަށް އެދިފައިވާއިރު، އެއާލައިންގެ ފަރާތުން ވަނީ ފަސެންޖަރުން ދަތުރުކުރަމުންދިޔަ ޓެމްޕާއަށް، އެހެން ފްލައިޓެއްގައި އެފަރާތްތަށް ގެންގޮސްދީފައެވެ.