ނުރައްކާތެރި ރީނދޫހުން، އާދަޔާއި ޚިލާފަށް ހަލުވިކަމާއި އެކު ފެތުރެމުންދާތީ ބްރެޒިލްއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެމެރިކާއިން އަންގައިފިއެވެ.

އެޤައުމުން ބްރެޒިލްއަށް ދަތުރުކުރާ ފަރާތްތަކަށް މިގޮތަށް އަންގާފައިި މިވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި ހަލުވިކަމާއި އެކު ބްރެޒިލްގައި ރީނދޫހުން ފެތުރި މި ހުން ގިނަ ބަޔަކަށް ޖެހި ނުރައްކާތެރި، ބައެއް އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

މި ހުން ބްރެޒިލްގައި ފާއިތުވެދިޔަ ދުވަސްތަކުގައި ފެތުރެން ފެށުމާއި ގުޅިގެން ގިނަ ބަޔަކަށް ހުމުގެ އަސަރުކޮށް ފަރުވާދެމުންދާއިރު، މިހާތަނަށް އެހެން ޤައުމުތަކުން އެޤައުމަށް ދަތުރުކުރި ހަތަރު މީހަކު ވަނީ ހުމުގެ ސަބަބުން މަރުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހުން އެންމެ ފުރަތަމަ ފެތުރެން ފަށާފައިވަނީ، ބްރެޒިލްގެ އިރުމަތީ ސްޓޭޓްތަކުގައި މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. އެއަށްފަހު ވަރަށް ގިނަ ހިސާބުތަކަށް ހުން ފެތުރި ގިނަ ބަޔަކަށް ނުރައްކަލާއި ކުރިމަތިވެފައިވާއިރު، ޢާންމުން މިކަމަށް ސަމާލުވެ ތިބުމަށް އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މިދިޔަ އަހަރުން ފެށިގެން ރީނދޫ ހުން ޖެހިގެން ބްރެޒިލްގައި 920 މީހަކަށް ފަރުވާ ދީފައިވާއިރު، މިހާތަނަށް އޭގެތެރެއިން 300 މީހަކު ވަނީ މަރުވެފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ދެގުނަ އިތުރު ޢަދަދެކެވެ.

ބްރެޒިލްގެ އިތުރުން، ފްލޮރިޑާގައިވެސް ރީނދޫހުން ވަރަށް ހަލުވިކަމާއި އެކު ފެތުރެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފާއިތުވެދިޔަ އަހަރުތަކަށް ބަލާއިރު، 2004 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް ރީނދޫ ހުމުގެ ނުރައްކަލާއި ކުރިމަތިވެގެން ކުރެވިފައިވަނީ އެންމެ ރިޕޯޓެކެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން އެ ހުން އާންމު ވަމުންގޮސް މިހާރު ކަންބޮޑުވާން ޖެހޭ ހިސާބުގައި އޮތްކަމަށް ފްލޮރިޑާގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ހުން ޖެހުމުން، މާބޮޑު އަލާމާތްތަކެއް ނުފެނުނު ނަމަވެސް، ހުމުގެ ސަބަބުން ބައެއް ހާލަތްތަކުގައި ނޭނގި ހަށިގަނޑުގެ ގުނަވަންތަކަށް އަސަރުކޮށް ފުރާނައަށް ނުރައްކާވާން ދިމާވެއެވެ.