ފިތުރު އީދު ދުވަސް ހުކުރު ދުވަހަށް ވެއްޖެ ނަމަ އަލްޖީރިއާގެ 40 މިސްކިތެއް ބަންދު ކުރަން ސަލަފީ އިމާމުންތަކެއް ނިންމުމާއި ގުޅިގެން އެގައުމުގައި ދީނީ ގޮތުން ބޮޑެތި ދެބަސްވުންތަކެއް އުފެދިއްޖެއެވެ.

މިއަދަކީ އަލްޖީރިޔާގައި ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށްވާއިރު މިރޭ އެގައުމުގައި ހަނދު ބަލާނެއެވެ. މިރޭ ހަނދު ފެނި މާދަމާ އަކީ ހުކުރު ދުވަސް ކަމަށްވާއިރު މާދަމާ އީދަށް ވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ދެބަސްވުންތައް އުފެދިފައި ވަނީ މާދަމާ އަކީ އީދު ދުވަސް ކަމަށް ވާނަމަ މިސްކިތްތައް ހުކުރު ގަޑީގައި ބަންދު ކުރާނެ ކަމަށް އެގައުމުގެ އިމާމުންތަކެއް ބުނުމާއި ގުޅިގެންނެވެ. އެގޮތައް ނިންމާފައި ވަނީ އެ އިމާމުން އީދު ނަމާދު ކުރުމަށް ފަހު އެދުވަހު ހުކުރު ނަމާދު ނުކުރުމަށް ނިންމުމުންނެވެ. އެގޮތުން ސަލަފީ ޖަމާތައް ނިސްބަތްވާ އިމާނުން ކޮންޓްރޯލު ކުރާ 40 މިސްކިތެއް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.

އެގައުމުގެ ސަލަފީ ޖަމާތުން ބުނާ ގޮތުގައި އީދު ދުވަސް ހުކުރު ދުވަހަކަށް ވެއްޖެ ނަމަ، އީދު ނަމާދު ކުރުމަށް ފަހު ހުކުރު ނަމާދު ނުކުރަން ނިންމީ، ހަންބަލީ މަޒުހަބަށް ތަބާވުމުގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް އަލްޖީރިއާ ސަރުކާރަކީ މާލިކީ މަޒުހަބަށް އަމަލު ކުރާ ސަރުކާރަކަށް ވުމުން ބަހުސްތައް ވަނީ އުފެދިފައެވެ.

އަލްޖީރިއާ ސަރުކާރުގެ އޮފިޝަލުން މިކަމާއި ބެހޭގޮތުން ބުނަމުން ދަނީ މިފަދަ ދީނީ ކަންކަމުގައި ގޮތް ކިޔޭނީ އެގައުމުގެ އިސްލާމީ ކަންތަކާއި ބެހޭ އެންމެ މަތީ މަޖިލީހަށް ކަމަށެވެ. އަދި ވަކި ވަކި އިމާމުންނަށް އެފަދަ ކަންތައް ނުނިންމޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުމަރު

    ތީ ސަލަފުންގެ އަގީދާ އެއްނޫން. ށަލަފުންގެ އަގީދާއައް ނިސްބަތްވެ އެމީހުންގެ ގޮތްތަކުންބއެކިބާވެ މަޒްހަބުތަކަށް ތަބާވަވާނީ ސަލަފުންގެ ގޮތްތަކަށް ތަބާވާ ބައެއް ނޫން.