ޔޫއޭއީއަށް ޝައްވާލު މަހުގެ ހަނދު ފެނިފައިވާތީ، އެޤައުމުގައި މާދަމާއަކީ ފިތުރު ޢީދު ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.

މިކަން ހާމަކޮށް ޔޫއޭއީގައި ހުންނަ އިންޓަނޭޝަނަލް އެސްޓްރޮނޮމީ ސެންޓަރުން ބުނެފައިވަނީ، އެޤައުުމުގެ އިރުމަތިން އޮމާން އާއި ގުޅޭ ބޯޑަރު ސަރަޙައްދުގައި އޮންނަ އަލް އައިން ސިޓީއަށް ޝައްވާލު މަހުގެ ހަނދު ފެނިފައިވާ ކަމަށެވެ.

އެ ސެންޓަރުން ބުނީ، ޝައްވާލު މަހުގެ ހަނދު ހަމަލޮލަށް ނުފެނުނު ކަމުގައިވީނަމަވެސް، މާދަމާއަކީ ފިތުރު ޢީދު ދުވަސް ކަމުގައި ކަނޑައަޅާފައިވަނީ އިރު އޮއްސުމަށް ފަހުގައި ހަނދު ފެންމަތީގައި ހުންނާނެ ކަމަށް، އެކަމާއި ގުޅޭގޮތުން އެއްކުރި މަޢުލޫމާތުތަކުން ދައްކާތީ އާއި ހަނދު ބެލުމަށް ޚާއްސަ ޢާލާތްތަކުން، ހަނދު ފެންމަތީގައި ހުރިކަން ހާމަވާން ހުރުމުން ކަމަށެވެ.

ބަރަކާތްތެރި ފިތުރު ޢީދާއި ގުޅިގެން ޔޫއޭއީގައި މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ވަނީ ބަންދު ދުވަސްތައް ކަމަށް ކަނޑައަޅާފައެވެ.