އިންޑިއާގެ ޖައްމުގައި ހުންނަ އިންޑިއަން އެއާ ފޯސް (އައިއޭއެފް) ބޭސްއަށް ޑްރޯން ހަމަލާއެއް ދީފިއެވެ. އައިއޭއެފް ބޭސްއަށް ހަމަލާ ދީފައިވަނީ ޑްރޯން އަކުން އައިއީޑީއެއް ބޭސްއަށް ވައްޓާލައި، އެ ގޮއްވާލައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އައިއީޑީ ގޮވާފައިވަނީ ހެލިކޮޕްޓަރ ހޭންގަރާއި ވަރަށް ކައިރިން ކަމަށް ވިޔަސް، ހަމަލާގެ ސަބަބުން އެއްވެސް އެއްޗަކަށް ގެއްލުން ވެފައި ނުވާކަމަށް އިންޑިއާ އިން ބުނެއެވެ. ހަމަލާގައި އައިއޭއެފްގެ ދެ އޮފިސަރަކަށް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާ ވެފައެވެ.

އައިއޭއެފްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އައިއީޑީއެއް ގޮވި ކަމަށާއި، ގޮވުމުގެ ސަބަބުން ފުރާޅަށް ކޮންމެވެސް ވަރެއްގެ ގެއްލުން ވެފައިވާ ކަމަށެވެ. އަދި ދެވަނަ ބޮން ގޮވާފައިވަނީ ހާމަކަން ބޮޑު ސަރަހައްދަކަށްކަން ފާހަގަ ކޮށްފައިވެއެވެ.

އެއްވެސް އެއްޗަކަށް ގެއްލުންވެފައިނުވާކަން ހާމަކޮށް، އައިއޭއެފްއިން ބުނެފައިވަނީ ސިވިލް އެޖެންސީއާއި ގުޅިގެން މި މައްސަލަ ތަހުގީގް ކުރަމުން ދާކަމަށެވެ.

ހަމަލާ ދީފައިވަނީ އިއްޔެ ރޭ ދަންވަރު 1:30 ހާއިރުއެވެ. މި ހަމަލާ އާއި ގުޅިގެން އެއާޕޯޓުގެ ޕެރިމީޓަރ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައެވެ. ފުރަތަމަ ބޮން ގޮވާފައިވަނީ 1:37 ގައެވެ. އަދި ދެވަނަ ބޮން ގޮވާފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ 1:42 ގައެވެ.

ބޮމްބް ސްކޮޑާއި، ފޮރެންސިކް ޓީމް، އައިއޭއެފްގެ ޓީމާއި، ސަލާމަތީ ބާރުތަކާއި ފުލުހުން ވަނީ ހަމަލާ ދިނުމާއިއެކު މައްސަލައިގެ ތަހްގީގު ފަށާފައެވެ.

މިއީ އިންޑިއާއަށް ޑްރޯން ބޭނުންކޮށްގެން މިފަދަ ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސީނާ

    ކޮބާ ފޮޓޯތަށް ހާމަ ކޮށްބަލަ. އިލެކްށަން ސުޓަންޓެއް ކަމަށްވަނީ. އެހެން ބަޔަކު ހަމަލާ ދިންނަމަ ހެލިކެޕްޓަރ ތަށް ދުއްވާލާނެ.