ކޮވިޑް-19 ގެ އާލަމީވަބާގައި ދުނިޔެ އިން އެތައް ބަޔަކު ވަނީ މަރުވެފައެވެ. ގިނަ ގައުމުތަކުގައި ވެކްސިން ޖަހައިގެން ކޮންޓްރޯލްވެ އަދަދުތައް ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި އިންޑިއާގައި ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓްގެ ނުރައްކާ އެކި ގައުމުތަކަށް ވަނީ ފޯރައިފައެވެ.

އެގޮތުން ރަޝިއާގައި ކޮވިޑް-19 އަށް ފައްސިވާ މީހުން އިތުރުވެފައިވާ އިރު، އެ ގައުމުގައި ވެސް ޑެލްޓާ ވޭރިއަންޓަށް ފައްސިވާ މީހުން ގިނައެވެ.

ޑެލްޓާ ވޭރިއެންޓް މިހާތަނަށް 85 ގައުމަކުން ފެނިފައިވެއެވެ. މި ވޭރިއެންޓަކީ ހަލުވިކަމާއެކު ފެތުރޭ ނުރައްކާތެރި ވޭރިއެންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ.

ރަޝިޔާގެ ވެރި ރަށް މޮސްކޯއިން އިއްޔެ ކޮވިޑް ބަލީގައި 144 މީހަކު މަރުވިއެވެ. މި އަދަދު ހާމަ ކޮށްފައިވަނީ މިހާތަނަށް އެގައުމުން ކޮވިޑުގައި އެންމެ ގިނަ މީހުން މަރުވެ ރިކޯޑެއް ހެދިތާ އެއް ދުވަސް ފަހުންނެވެ. ހޮނިހިރު ދުވަހު 619 މީހުން ކޮވިޑުގައި މަރުވި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އެގައުމުން މިދިޔަ ހޮނިހިރު ދުވަހު 21،312 މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، އިއްޔެ ވެސް 20،169 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ. ކޮވިޑް ވޭދަތަނަށް އިތުރުވެ، ޑެލްޓާ ވޭރިއެންޓުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވުމުން އެގައުމުގައި ކޮވިޑުން ދިފާއުވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން، ޝޮޕިންގް މޯލް ތަކާއި ފުޑް ކޯޓުތައް ވަނީ ބަންދުކޮށްފައެވެ.

މިހާތަނަށް ރަޝިޔާއިން 5.39 މިލިއަން މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 131،000 އަށް އަރައިފައެވެ. މި އަދަދުތަކުގެ ތެރެއިން 308،608 މީހުން ފައްސިވެ، 6،458 މީހަކު ކޮވިޑުގައި މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ ރަޝިޔާގެ ވެރިކަންކުރާ މޮސްކޯ ސިޓީންނެވެ.

ކިޔުންތެރިންގެ ހިޔާލު