ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ އަނިޔާ ކުރި އަންހެނަކު 102 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

އެމެރިކާގެ ނެބްރަސްކާއަށް އުފަން 38 އަހަރުގެ އަންހެނެއް ކަމަށްވާ ކްރިސްޓީނާ ގްރީރްގެ މައްޗަށް ޖަލު ހުކުމެއް ކުރީ އޭނާގެ އަންހެން ކުއްޖާގެ ރައްޓެހި ދެ ފިރިހެން ކުދިންނަށް ޖިންސީ އަނިޔާކޮށް އެކަން ސާބިތުވުމާ ގުޅިގެންނެވެ.

ގްރީރް ޖިންސީ އަނިޔާކޮށްފައިވާ ދެ ފިރިހެން ކުދިންނަކީ 12 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖެކެވެ. މިކުދިންނަށް ގްރީރް އަނިޔާކޮށްފައި ވަނީ އޭނާގެ އަންހެން ދަރިފުޅު ކައިރިޔަށް، ދެ ފިރިހެން ކުދިން އައިސް އުޅެނިކޮށެވެ.

މި ހާދިސާ ހިނގާފައި ވަނީ 2017 ވަނަ އަހަރާއި 2019 ވަނަ އަހަރުގައެވެ. އެކި ކަންކަމާއި ހެދި ގްރީރްގެ ޝަރީއަތް ފަސްކުރަން ޖެހިފައިވުމުން އެ ކުދިންނަށް އިންސާފު ނުލިބޭކަމުގެ ޝަކުވާ އެކުދިންގެ އާއިލާއިން ކޮށްފައި ވެއެވެ.

ބޭރުގެ މީޑިޔާއަކުން ބުނާގޮތުން ގްރީރް ދެ ފިރިހެން ކުދިންނަށް ޖިންސީ އަނިޔާ ކުރިކަމަށް އެ ދެކުދިން އަދި ގްރީރްގެ އަންހެން ދަރިފުޅުވެސް ބުނެއެވެ. އަދި ގްރީރް އޭނާގެ އަންހެން ދަރިފުޅު ކައިރީ އެކަން ސިއްރުކުރުމަށް ބުނެފައިވާ ކަމަށްވެއެވެ.

ގްރީރް ވަނީ އޭނާ އަށް ކުރެވޭ ތުހުމަތުތަކަށް އެއްބަސްވެ އޭނާއަށް މައާފް ކުރުމަށް އެދިފައެވެ. އަދި ކުދިންނާ މެދު ކަންތައް ކުރެވުނު ގޮތާމެދު ހިތާމަކުރާކަމަށާއި އެކުދިން ބެލެމުގައި އޭނާ ނުކުޅެދިފައިވާކަމަށްވަނީ އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލާޟް

    ތި މީހާއަކީ ރާއްޖޭގެ މީހެއްނަމަ އޭނާގެ އިންސާނީ ހައްޤޭ ކިޔައިގެން އެމެރިކާނުންގެ ހިއުމަންރައިޓްސް ކޮމިޝަނުން ތެޅިބާލާނެ