ސްޕޭސްއެކްސްއިން އިންޓަނެޓްގެ ހިދުމަތް ދިނުމަށް ފަށާފައިވާ ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް އަންނަ މަހުގެ ތެރޭގައި މުޅި ދުނިޔަށް ލިބޭނެ ކަމަށް ސްޕޭސް އެކްސްގެ ވެރިޔާ އެލޮން މަސްކު ވިދާޅުވެއްޖެއެވެ.

ސްޕޭކްސްއެކްސް ކުންފުނިން ތަރައްގީކުރާ ސްޓާލިންކް ހިދުމަތަކީ ޖައްވަށް ބައިވަރު ކުދި ސެޓެލައިޓްތަކެއް ފޮނުވައިގެން މުޅި ދުނިޔެއަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިގެން އުޅޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ސަބަބުން އިންޓަނެޓްގެ ހިދުމަތް އިތުރަށް ވަރުގަދަކޮށް ލިބިގެން ދާނެއެވެ.

އެލޮން ވިދާޅުވީ، މީގެ ކުރިން ނިންމާފައިވާ ތާރީހަށްވުރެ ކުރިން އޮގަސްޓް މަހުގެ ތެރޭގައި އެ ހިދުމަތް މުޅި ދުނިޔއަށް ލިބޭނެ ކަމަށެވެ. މީގެ ކުރިން މި ހިދުމަތް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މި ހިދުމަތް ގައުމުތަކަށް ދިނުމުގެ ކުރިން އެގައުމެއްގެ ވެރިން ނުވަތަ އިންޓަނެޓް ފޯރުކޮށްދޭ ފަރާތްތަކުން އެމަށް ހުއްދަ ދޭން ޖެހެއެވެ.

އީލޮން ވިދާޅުވެފައިވާ ގޮތުގައި ސްޓާލިންކްގެ ކަސްޓަމަރުންގެ އަދަދު މިހާރު ވަނީ 69،420 އަށް ވުރެ މަތީގަ އެވެ. އަދި ކުރިއަށް 12 މަސް ދުވަހުގެ ތެރޭގައި އަދަދު 500،000 އަށް އަރާނެކަމުގެ އުއްމީދު ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ހިދުމަތް އަދި ނުލިބި އޮތީ އުތުރާއި ދެކުނުގެ ތަނޑިއަށް ކަމަށާއި އެހެން ނަމަވެސް އަންނަ މަހުގެ ތެރޭގައި އެ ހިސާބުތަކަށް ވެސް ހިދުމަތް ފެށޭނެ ކަމަށެވެ.

ސްޓާލިންކްގެ ހިދުމަތް އެންމެ ފުރަތަމަ ލިބެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެމެރިކާއަށެވެ. އޭގެ ފަހުން މިހާރު 12 ވަރަކަށް ގައުމަށް ލިބެމުން އަންނަ އިރު، ހިދުމަތުގެ ޕްރީ-އޯޑަރަށް ސްޓާލިންކުން ހުޅުވައިލީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.