ކޮވިޑް-19 އިން ދިފާއުވުމަށް އުދައްދާފައިވާ ވެކްސިން ބާރުގަދަކުރުމަށް ދެވައްތަރުގެ ވެކްސިން އެއްކުރުމަށް ޖަރުމަންވިލާތުން އިލްތިމާސްކޮށްފިއެވެ.

ޖަރުމަންވިލާތުގެ ސިއްހަތާއި ބެހޭ ވަޒީރު ޖެންސް ސްޕޭން ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ޖެހުމާއި ގުޅޭގޮތުން އެޤައުމުގައި ހެދި ފަހުގެ ދިރާސާ އަކުން ދައްކާގޮތުގައި ވެކްސިންގެ ދެ ޑޯޒް ހަމަކުރަން ދެ ބްރޭންޑެއްގެ ވެކްސިނެއް ޖެހުމުން ކޮވިޑުން ދިފާއުވުމުގެ ފުރުސަތު އިތުރުވާކަމަށެވެ.

ވެކްސިންގެ ދެ ޑޯޒް ދެ ބްރޭންޑެއްގެ ވެކްސިނަކުން ޖެހުމާގުޅޭގޮތުން ޖަރުމަނުން ދިރާސާކުރާ މި ދަނޑިވަޅަކީ މިހާރު ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑްގެ ނުރައްކާތެރި ޑެލްޓާ ވޭރިއެންޓު ޔޫރަޕްގެ ޤައުމުތަކަށް ފެތުރެމުން އަންނަ ދުވަސްވަރެކެވެ.

ޖަރުމަންވިލާތުގެ ޑިޒީސް ކޮންޓްރޯލް ސެންޓަރ އިން ބުނީ އަދި ކުރެވުނު ދިރާސާ އަށް ފަހު، އިތުރު ކަންކަން ބަލަން ޖެހޭ ކަމަށެވެ. ނަމަވެސް މިހާތަނަށް ލިބުނު ނަތީޖާއަށް ބަލާއިރު ދެބްރޭންޑެއްގެ ވެކްސިން އެއްކުރުމުން ވެސް ވެކްސިން ޖަހާ މީހުންނަށް އިތުރު ނުރައްކަލެއް ނެތްކަމާއި، މިގޮތައް ދެބްރޭންޑެއްގެ ވެކްސިން ދިނުމުން ކޮވިޑުން ރައްކާތެރިވެވޭ މިންވަރު އިތުރުވާކަމަށެވެ.

ޖަރުމަންވިލާތުން ކުރި ދިރާސާގައި ބަލާފައި ވަނީ އެސްޓްރާ ޒެނެކާ ވެކްސިން ދިނުމަށް ފަހު މޮޑާނާ ވެކްސިން ދިނުމުން ކޮވިޑުން ރައްކާތެރިވެވޭ މިންވަރެވެ.

ޖަރުމަންވިލާތުން މިހާރު ވެސް ދަނީ ފުރަތަމަ އެސްޓްރާޒެނެކާ ވެކްސިން ދިން މީހުންނަށް ދެވަނަ ޑޯޒެއްގެ ގޮތުގައި މޮޑާނާ ވެކްސިން ދެމުންނެވެ.

އީޔޫގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ޖަރުމަންވިލާތުގައިވެސް ވެކްސިން ޖަހާ ފަރާތްތައް ވަނީ މަދުވެފަ އެވެ. މިއީ އެޤައުމުގެ ސަރުކާރުން އިންތިހާއަށް ކަންބޮޑުވާކަމަކަށްވާއިރު ވައިރަހުގެ ނުރައްކާތެރި ވޭރިއެންޓު ފެތުރޭ މި ދަނޑިވަޅުގައި އެޤައުމުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަންވިލާތުގެ ސަރުކާރުން ބުނީ އެޤައުމުގެ އާބާދީގެ 55.1 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށާއި ދެވަނަ ޑޯޒް ޖަހާފައިވަނީ އެންމެ 37.3 އިންސައްތަ މީހުން ކަމަށެވެ.

ކޮވިޑުން ދިފާއު ވާން އުފައްދާފައިވާ ވެކްސިންތައް އެއްކޮށްގެން ދެވޭނަމަ އެއީ ގިނަ ބަޔަކަށް އަވަހަށް ވެކްސިން ދިނުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ. ސަބަބަކީ ފުރަތަމަ ޑޯޒް ޖަހާ ބްރޭންޑްގެ ވެކްސިނެއް ދެވަނަ ޑޯޒް ޖަހަން ނުލިބޭ ހާލަތެއްގައި އެހެން ބްރޭންޑެއްގެ ވެކްސިނެއް ވެސް ޖެހުމުގެ ފުރުސަތު ފަހިވެގެން ދާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު