އެމެރިކާގެ ޖަލުތަކުގައި އިސްލާމްދީން ގަބޫލުކުރާ މީހުންގެ އަދަދު އިތުރުވާން ފަށައިފި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމެރިކާގެ ފެޑްރަލް ޖަލުުތައް ބަލަހައްޓާ އިދާރާ އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެމެރިކާގެ ޖަލުތަކުގައި މިހާރު %11.4 މުސްލިމުން އެބަތިއްބެވެ. މީގެތެރެއިން ދެބައިކުޅަ އެއްބަޔަކަށްވުރެ ވެސް ގިނަ މީހުންނަކީ ޖަލަށްލީ ފަހުން އިސްލާމްދީން ގަބޫލު ކުރި މީހުންނެވެ.

ނަމަވެސް އެމެރިކާގެ ޖަލު ތަކުގައި އިސްލާމްދީނުގެ އިލްމުވެރިން ނުތިބޭ ކަމަށާއި، ވޮލެންޓިއާކޮށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ޖަލަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް މުސްލިމް އިލްމުވެރިންނަށް ނުލިބޭ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.

ގިނަ ގައިދީން އިސްލާމް ވެފައި ވަނީ އިސްލާމްދީނާއި ގުޅޭ ވަރަށް މަދު މިންވަރެއްގެ މައުލޫމާތު ލިބިގެން ކަމަށް ގައިދީން ވެސް ބުނެއެވެ. ގިނަ ގައިދީން ބުނާ ގޮތުގައި އިސްލާމްދީނާއި ގުޅޭ އިތުރު މައުލޫމާތު ހޯދަން ޖަލުގެ އޮފިޝަލުން ވަނީ ވަރަށް ގިނަ ހުރަސްތައް ކުރިމަތިކޮށްފައެވެ.

އެމެރިކާގެ ކެލިފޯނިއާގެ ޖަލެއްގައި ހުރި މީހަކު ބުނީ އެޖަލުގައި ތިބި މުސްލިމް ގައިދީން ދީނީ އިލްމުވެރިއަކާއި ބައްދަލު ކުރަން އެދިގެން އުޅޭތާ ހައެއްކަ މަސް ދުވަސް ވީއިރު ވެސް ޖަލުގެ އޮފިޝަލުން އެމީހުންނަށް އެފުރުސަތު ދީފައެއް ނުވެއެވެ. އިސްލާމްދީނާއި ގުޅޭ ފޮތްތައް ހޯދަން ވެސް ދަތިތައް ހުންނަ ކަމަށާއި ޖަލުގެ ލައިބްރަރީތަކުން ވެސް އިސްލާމްދީނުގެ މައުލޫމާތު ހުންނަ ފޮތްތައް ނުލިބޭ ކަމަށް ގިނަ ގައިދީން ބުނެއެވެ.

ނަމަވެސް ބައެއް ޖަލުތަކުގައި މިހާރު މުސްލިމުންނަށް ޖަމާއަތް ހަދައިގެން ނަމާދު ކުރުމުގެ ފުރުސަތު ދެއެވެ.

އެމެރިކާގެ ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން ތިން ވަނަ އަށް މިހާރު އެންމެ ގިނައީ މުސްލިމް ގައިދީން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަން

    އަލްހަމްދުﷲ

    15
  2. ☝☝

    ﷲ ގެ ކުޅަދުންވަންތަކަން ނިކަންދެކެބަލަ
    އެކަލާނގެ އިރާދަކުރައްވައިފި ކަމެއް ސިކުންތެއްގެ ތެރޭގަ ވެ ނިމޭނެ އެއީ އެކަމައް އެކަކައްވެސް ބާރުނުފޯރުވޭނެ ކަމެއް
    އެންމެ މުސްލިމުންމަށް އަނިޔާކުރާ މީހުން އެ ނިކަންދެކެބަލަ

    17
  3. އަހޫ

    އަލްހަމްދުﷲ
    ދުނިޔޭގަ މުސްލިމުންދާނީ ދިނަވަމުން އެ އޮތީ އަންގަވާފަ
    ގިޔާމަތް ކާރިވެއްޖެ މުސްލިމުން ގިނަވަނީ

    19