ފިންލޭންޑްގެ ފޮރިން މިނިސްޓަރު ކޮވިޑް-19 އަށް ފައްސިވުމުން ޒުވާން ބޮޑުވަޒީރު ސަނާ މާރިން ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވާން އަންގާފައި ވަނިކޮށް ނައިޓްކްލަބަކަށް ގޮސް ޕާޓީ ކުރި މައްސަލައެއް ހޫނުވެއްޖެއެވެ.

ސަނާގެ ފޮރިން މިނިސްޓަރު ކޮވިޑަށް ފައްސިވުމުން އެކަމަކާ ކަރަންޓީން ނުވީ ފިންލޭންޑްގެ ގައިޑްލައިން ބުނާ ގޮތުގައި ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައި ވާނަމަ ކަރަންޓީން ވުން މަޖުބޫރު ނޫން ކަމަށް ބުނެފައި އޮންނާތީއެވެ. ގައިޑްލައިންގައި އެގޮތައް ލިޔެފައި އޮތްނަމަވެސް އެންމެ އެދެވިގެންވާ ގޮތަކީ ކޮވިޑަށް ފައްސިވެފައިވާ މީހަކާއި ގާތުން ބައްދަލުވެއްޖެނަމަ އަމިއްލައަށް އެކަހެރިވުން ކަމަށް ވެސް ގައިޑްލައިންގައި ބުނެފައި އޮވެއެވެ.

ފޮރިން މިނިސްޓަރު ކޮވިޑަށް ފައްސިވުމުން ސަނާ ކަރަންޓީން ވުމަށް އެކަމަނާގެ އޮފީހުން ވެސް އެންގެވިއެވެ. ނަމަވެސް އެކަން އަންގައި ފޮނުވި މެސެޖް ނުފެންނަ ކަމަށް ސަނާ ވަނީ ވިދާޅުވެފައެވެ. ސަނާ ވިދާޅުވީ އެކަމަނާ ނައިޓްކްލަބަށް ދިޔައީ ގޭގައި ފޯނު ބާއްވާފައެވެ. ގޭގައި އެކަހެރިވާން އަންގައި މެސެޖް ލިބުނީ އެވަގުތު ކަމަށް ސަނާ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ކޮވިޑަށް ފައްސިވެފައި ވަނިކޮށް ސަނާ ޕާޓީ ކުރަން ގޮސް އެތައް ބަޔަކާއި ބައްދަލުވުމުން ފާޑުކިޔުން އަމާޒުވުމުން އެކަމަނާ ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. ކޮވިޑް ޓެސްޓްގެ ނަތީޖާ އިން ދައްކާ ގޮތުގައި ސަނާ ވަނީ ކޮވިޑަށް ނައްސިވެފައެވެ.

ސަނާ ވަނީ ގައިޑްލައިނަށް އެންމެ ފުރިހަމަ އަށް އަމަލު ނުކުރެވުނު ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ އެކަމަނާގެ އަމަލުތަކަށް މާފަށް އެދިވަޑައިގެންފައެވެ.

ސަނާ 2019 އަހަރު ބޮޑުވަޒީރު ކަމާއި ހަވާލުވިއިރު އެކަމަނާގެ އުމުރުން 33 އަހަރެވެ. އެކަމަނާ އަކީ މިވަގުތު ގައުމެއްގެ ވެރިއަކަށް ހުންނެވި އެންމެ ޒުވާން ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު