އެމެރިކާގައި ހަފްތާ ބަންދަށް ތިން ދުވަސް ދޭން ނިންމުމަށްޓަކައި ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މިބިލް ގާނޫނަކަށް ވެގެން ހިނގައްޖެނަމަ އެމެރިކާގައި ވަޒީފާ އަދާކުރާ މީހުން އޮފީހަށް ނިކުންނަން ޖެހޭނީ ހަފްތާއަކު ހަތަރު ދުވަހު އެވެ. ކޮންމެ ހަފްތާއަކު ތިން ދުވަހު ހަފްތާ ބަންދުގެ ޗުއްޓީގެ ގޮތުގައި ލިބޭނެއެވެ.

މިބިލް ހުށަހަޅާފައި ވަނި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރެއް ކަމަށްވާ މާކް ޓަކާނޯ އެވެ. ޓަކާނޯ ވިދާޅުވީ މިބިލް ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ކޮންމެ ހަފްތާއަކު މުވައްޒަފުން މަސައްކަތް ކުރަން ޖެހޭ ވަގުތު 40 ގަޑިއިރު 32 ގަޑިއިރަށް ކުޑަ ކުރުމެވެ. އެއީ އާއިލާ މެންބަރުންނާއިއެކު ގިނަ ވަގުތު ހޭދަކުރުމުގެ ފުރުސަތު މުވައްޒަފުންނަށް ދޭން ކަމަށް އޭނާ ވިދާޅުވެއެވެ.

"ގިނަ މީހުން ގިނަ ވަގުތު ހޭދަކުރަން ޖެހިފައި ވަނީ ވަޒީފާއި، ނުވަތަ މަސައްކަތުގައި. އާއިލާ މެންބަރުންނާއިއެކު ނުވަތަ ލޯބިވާ މީހުންނާއިއެކު ހޭދަކުރަން ލިބެނީ ވަރަށް މަދު ވަގުތުކޮޅެއް. މިކަން މިހެން އޮތުމުގެ ސަބަބުން ގިނަބައެއްގެ ސިހައްތައް ވެސް ގެއްލުން ލިބޭ." ޓަކާނޯ ވިދާޅުވިއެވެ.

މިބިލަށް ގިނަ އާއްމުން ތާއިދު ކުރި ނަމަވެސް ބައެއް ކުންފުނިތަކާއި އިގްތިސޯދީ ދާއިރާގެ ބައެއް ތަޖުރިބާކާރުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ފާޑުކިޔާ މީހުން ބުނާ ގޮތުގައި މިބިލް ފާސްވެ ގާނޫނަކަށް ވެގެން ހިނގައްޖެނަމަ އެމެރިކާގައި އިންވެސްޓް ކުރަން ބޮޑެތި ކުންފުނިތަކުން ބޭނުމެއް ނުވާނެއެވެ. ގިނަ ވަގުތު މަސައްކަތް ކުރާ މުވައްޒަފުން އެހެން ގައުމުތަކުން ހެޔޮ އަގުގައި ލިބޭއިރު އެމެރިކާ އަށް ކުންފުނިތަކުގެ ފެކްޓްރީތަކާއި އޮފީސްތައް ބަދަލު ކުރުމުގެ ބޭނުމެއް ނޯންނާނެ ކަމަށް ފާޑުކިޔާ މީހުން ބުނެއެވެ.

ނަމަވެސް ޓަކާނޯ ހުންނެވީ މިބިލް ފާސްވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދަކާއިއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝަވީން

    ރާއްޖެއަށްވެސް މި ބިލް މުހިންމު.

    8
    2
  2. މޯޑު

    ތީ ހަމަ ވަރަށް ރަނގަޅު ކަމެއް. މި ދިވެހިރާއްޖޭގައިވެސް ކުރަންޖެހިފައިހވާ ކަމެއްތީ. އެކަމަކު ހަމަ ތިގޮތަށް، މިއުޅޭ ވިޔަފާރިވެރިންގަނޑު ތެދުވާނެ ތިކަން ނުކޮށް ވާންއޮތް ކޮންމެކަމެއް ކުރަން. މުސާރަކޮޅު ބޮޑުކޮށްލަންވީމަ މޭ ބޮޑުވަނީ. ލުޔެއް ދޭންވީމަ ބަނޑުކުނިވަނީ. އިނާޔަތްތައް އުނިކޮށް މުސާރަ ކުޑަކޮށްލަން ވެއްޖިއްޔާ ހޭވައްލާ ތައްޔާރު. މީހާލަތަކީ.

    6
    2