ކޮވިޑް-19 އިން ދިފާއުވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އާއި ބޭސް އުފައްދާ ކުންފުނި އެސްޓްރާޒެނެކާ ގުޅިގެން އުފެއްދި ވެކްސިންގެ ދެޑޯޒުންނާއި އަދި ޖަރުމަންވިލާތުގެ ބައޯއެންޓެކް އާއި އެމެރިކާގެ ފައިޒާ ކުންފުނި ގުޅިގެން އުފެއްދި ވެކްސިންގެ ދެޑޯޒް ޖަހައިގެން ވެސް ކޮވިޑް-19 "އޮމިކްރޮން" ވޭރިއަންޓުން ރައްކާތެރި ކޮށްދޭ މިންވަރު ކުޑަކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން މިރޭ އާއްމު ކުރި މައުލޫމާތުތައް ބުނާ ގޮތުގައި އެސްޓްރާޒެނެކާ އާއި ފައިޒާ ވެކްސިނުން ވެސް އޮމިކްރޮން ވޭރިއަންޓުން ރައްކާތެރިކޮށްދޭ ނިސްބަތް ވަރަށް ކުޑައެވެ. ނަމަވެސް އެއީ އިންސައްތަ އިން ކިހައި ވަރެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނާ ގޮތުގައި ދެވެކްސިން ޖަހާފައިވާ މީހުން ބޫސްޓަރ ޝޮޓެއް ނުވަތަ ތިން ވަނަ ޑޯޒެއް ޖެހުމުން އޮމިކްރޮން އިން ރައްކާތެރިކޮށްދޭ ނިސްބަތް %70 އާއި %75 އަށް މައްޗަށް ޖެހޭ ކަމަށެވެ.

މިދިރާސާ ކޮށްފައި ވަނީ 581 މީހަކު ބައިވެރިކޮށްގެންނެވެ. މިއީ ނިސްބަތުން ވަރަށް ކުޑަ ދިރާސާއެއް ކަމަށް ވާތީ މިއިން އަދި ވެކްސިންގެ އަސަރު ކުރާ މިންވަރުގެ އެންމެ ފުރިހަމަ މަންޒަރު ނުފެނިދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނާ ގޮތުގައި މިހާރު ލިބެމުންދާ މައުލޫމާތައް ބަލާއިރު މިމަސް ނިމޭއިރު އެއްމިލިއަން މީހުން އޮމިކްރޮން ވޭރިއަންޓަށް އިނގިރޭސިވިލާތުން ފައްސިވާނެއެވެ. އަދި މިމަހުގެ 15 ވަނަ ދުވަސް އަންނަން ވާއިރަށް އިނގިރޭސިވިލާތުން ކޮވިޑަށް ފައްސިވާ މީހުންގެ %50 ހިއްސާ ކުރާނީ އޮމިކްރޮން ވޭރިއަންޓް ޖެހޭ މީހުން ކަމަށް ބެލެވެއެވެ.

އޮމިކްރޮން ވޭރިއަންޓަށް ފައްސިވާ މީހުންނާއި ބައްދަލުވާ މީހުންނަށް ވަރަށް ފަސޭހައިން ބަލި ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު