ޕާކިސްތާނުގެ ތާލިބާން ޖަމާއަތުގެ ނަމުން މަޝްހޫރުވެފައިވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ)ގެ ހަތިޔާރުއެޅި ޖަމާއަތުން ޕާކިސްތާނު ސަރުކާރާއެކު މަހެއްހާ ދުވަހަށް ދިގުދެމިގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް ގެނެސް، އެކަން އިއުލާން ކޮށްފިއެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ހަނގުރާމަވެރިން ވަނީ ގައިދީން މިނިވަންކުރުމުގެ އެއްބަސްވުމާއި، މަޝްވަރާކުރާ ކޮމިޓީތައް އެކުލަވާލުމުގެ އެއްބަސްވުމާ ސަރުކާރުން ޚިލާފުވެފައިވާކަމަށް ތުހުމަތުކޮށްފައެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މިއީ 2007 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ އަދި އެގައުމުގެ އެކި ކަންކޮޅުތަކުގައި އާންމުންނާއި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދެމުންދިޔަ އެތައް ސަތޭކަ ހަމަލާތަކެއް ނިމުމަކަށް ގެނައުމަށް ވެފައިވާ އެއްބަސްވުމެކެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޓީޓީޕީން ނޫސްވެރިންނަށް އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މިހާރުގެ ހާލަތަށް ބަލާއިރު، "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ކުރިއަށް ގެންދެވެން ނެތް" ކަމަށެވެ. ޓީޓީޕީން ތުހުމަތުކުރާ ގޮތުގައި ޕާކިސްތާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިހުތިރާމެއް ނުކުރެއެވެ.

އަދި ސަރުކާރުން ވައުދުވި ގޮތަށް 100 އަށް ވުރެ ގިނަ ގައިދީން މިނިވަން ކޮށްފައި ނުވާ ކަމަށާއި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކޮމިޓީތައް ވެސް އައްޔަން ކޮށްފައި ނުވާ ކަމަށް ޓީޕީޕީން ބުނެެއެވެ.

މި ތުހުމަތުތަކާ ގުޅިގެން ޕާކިސްތާނުގެ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިކަން ހާމަކޮށްފައި މިވަނީ، މިދިޔަ އޮގަސްޓް މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވުމާއެކު ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިޔަށްދާކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން އިއުލާންކުރެއްވިތާ މަހެއްހާ ދުވަސް ފަހުންނެވެ.