ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ގްވޭދާރު ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ގޮވާލައި އެތައް ހާސް ބަޔަކު މަގުތަކުގައި މުޒާހަރާކޮށްފިއެވެ.

ހުކުރު ދުވަހު ބޭއްވި މި މުޒާހަރާގައި އެތައް ބަޔަކު ބައިވެރިވި އިރު، އޭގެ ތެރޭގައި ކުޑަ ކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. އެމީހުން ވަނީ ގްވޭދާރުގެ މަގުތަކުގައި ހިނގާލުމެއް ބާއްވައިފައެވެ.

ޖަމާއަތުއް އިސްލާމީގެ ފަރާތުން ބޭއްވި ހިނގާލުމުގައި މުޒާހަރާ ކުރި މީހުން ތިބީ ތަފާތު އެކިއެކި ޝުއޫރުތައް ލިޔެފައިވާ ބެނާތައް ފަދަ ތަކެތި ހިފައިގެންނެވެ. އެ ހިނގާލުމުގެ ބައިވެރިން ވަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، އެމީހުންގެ ޝުއޫރުތައް ވެސް ފާޅުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި މުޒާހަރާގައި ބައިވެރިވުމަށް ކަރާޗީ އާއި އެހެން ބައެއް ސިޓީތަކުން ވެސް މީހުން އަންނަން މަސައްކަތް ކުރިއެވެ. އެކަމަކު، އެ ހުރިހާ މީހުން ގްވޭދާރަށް ވަނުމަށް ފުލުހުން ހުރަސް އަޅައި ބެރިކޭޑް ޖެހި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެހެންވެ އެތައް ހާސް ބަޔަކަށް މުޒާހަރާގައި ބައިވެރިވެވިފައެއް ނުވެއެވެ.

ޖަމާއަތުއް އިސްލާމީގެ ލީޑަރު މައުލާނާ ހިދާޔަތު ވިދާޅުވީ ސިޓީގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ ކަމަށެވެ. އެމީހުންނަށް ހައްގުތައް ނުލިބިގެން އުޅޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަވާސާ ހަމީދު

    އިންޑިޔާ އަޑީގައި އޮވެގެން ޕާކިސްތާނު ހަލާކުކޮށް ނިންމާއިރުވެސް ޕާކިސްތާނުގެ ސިޔާސީމީހުންނަށް ރެޔަކާވެސް ނުލާ އަމިއްލަ އެދުންބޮޑަސް މިއީބޮޑުވަރު

    3
    1