ކޮވިޑް-19 ވައިރަސް އަށް ބަދަލުތަކެއް އައިސް އުފެދިފައިވާ އޮމިކްރޮން ވޭރިއަންޓް އިނގިރޭސިވިލާތުގެ ދެލައްކަ މީހުންނަށް ކޮންމެ ދުވަހަކު ވެސް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމުގައި އެގައުމުގެ ހެލްތު ސެކްރެޓަރީ ސާޖިދު ޖާވިދު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖާވިދު ވިދާޅުވީ މިއަދު ލަންޑަނުން ފައްސިވި މީހުންގެ ތެރެއިން %44 މީހުންނަކީ ވެސް އޮމިކްރޮން އަށް ފައްސިވި މީހުން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދެދުވަސް ތެރޭގައި އެހެން ވޭރިއަންޓްތަކަށް ފައްސިވާ މީހުންނަށްވުރެ އޮމިކްރޮން އަށް ފައްސިވާ މީހުންގެ އަދަދު ގިނަ ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮމިކްރޮން އަށް ދުވާލަކު އިނގިރޭސިވިލާތުން ދެލައްކަ މީހުން ފައްސިވާ ކަމަށް ޖާވިދު ވިދާޅުވީ ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދާއި، ފައްސިވާ މީހުންގެ ނިސްބަތައް ބެލުމަށް ފަހުއެވެ. އެއީ ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ލިބޭ މީހުންގެ އަދަދަށް ބަލާފައި ހާމަކުރި އަދަދެއް ނޫނެވެ.

ޖާވިދު ވިދާޅުވީ އޮމިކްރޮން ވޭރިއަންޓަށް އިނގިރޭސިވިލާތުން ފައްސިވި މީހުންގެ ތެރެއިން ދިހަ މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާއި އޭގެތެރެއިން އެކަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އިނގިރޭސިވިލާތުން އޮމިކްރޮން ވޭރިއަންޓަށް ފައްސިވި އެކަކު ވަނީ މަރުވެފައެވެ.

ޖާވިދު ވިދާޅުވީ އޮމިކްރޮން އިން ރައްކާތެރިވުމަށް ވެސް ކުރެވެން އޮތް އެންމެ މުހިއްމު ކަމަކީ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރުން ކަމަށެވެ. އަދި ކޮވިޑް ޖެހުމުން ފުރާނަ އަށް ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުންނާއި އުމުރުން ދުވަސްވީ މީހުން ވެކްސިންގެ ތިންވަނަ ޑޯޒެއް ވެސް ޖަހަން އޭނާ އިލްތިމާސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު