ކޮވިޑް-19 މިހާރު ފެތުރެމުންދާ މިންވަރަށް ބަލާއިރު އިޓަލީވިލާތައް ދަތުރު ކުރުން އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އެމެރިކާގެ ސީޑީސީ އިން ބުނެފިއެވެ.

ސީޑީސީ އިން ވަނީ އިޓަލީވިލާތުގެ އިތުރުން ގްރީންލޭންޑާއި މޮރިޝަސް އަށް ވެސް ދަތުރު ކުރުން ނުރައްކާ ކަމަށް ނިންމާފައެވެ. އެތިން ގައުމު މިހާރު ވަނީ ހަތަރު ވަނަ ދަރަޖައިގެ ނުރައްކާ އޮތް ގައުމުތައް ކަމަށް ކަނޑައަޅާފައެވެ.

މީގެ ކުރިން ސީޑީސީ އިން ވަނީ ހަތަރު ވަނަ ދަރަޖައިގެ ނުރައްކާ އޮތް ގައުމުތަކުގެ ގޮތުގައި 80 ގައުމެއް ކަނޑައަޅާފައެވެ. އޭގެތެރޭގައި އެމެރިކާ މީހުންގެ މެދުގައި މަގުބޫލް ބާބަޑޯސް، ބެލީޒް، ކޭމަން އައިލެންޑްސް، ޖޯޑަން، ސީޝެލްސް އަދި ތުރުކީވިލާތް ވެސް ހިމެނެއެވެ.

އިޓަލީވިލާތައް ދަތުރު ކުރުން ނުރައްކާ ކަމަށް އެމެރިކާގެ ސީޑީސީ އިން ނިންމިއިރު އިޓަލީވިލާތަކީ އެމެރިކާ މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލް މަންޒިލެކެވެ. ކޮންމެ އަހަރަކު ވެސް ކްރިމަސް ބަންދާއި އާއަހަރުގެ ބަންދާއި ދިމާކޮށް އެމެރިކާގެ ގިނަ ބަޔަކު އިޓަލީވިލާތައް ދަތުރު ކުރެއެވެ.

ނޮވެމްބަރ މަހުގެ ފަހުކޮޅު ފާހަގަ ކުރެވުނު އޮމިކްރޮން ވޭރިއަންޓާއި އެކު ދުނިޔެ އަށް އަނެއްކާވެސް ކޮވިޑްގެ ރާޅެއް އަރާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އެމެރިކާ އިން ވެސް ވަނީ އަންނަ ޖަނަވަރީ މަހު އެމެރިކާގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެދާނެ ކަމަށް ލަފާކޮށްފައެވެ.

އޮމިކްރޮން އަށް ފައްސިވާ މީހުންގެ ހާލަތު ވަކިން ބޮޑަށް ގޯސްވާކަމަށް އަދި ފާހަގަ ކުރެވިފައެއް ނުވެއެވެ. ނަމަވެސް އޮމިކްރޮން ވޭރިއަންޓް އަކީ މިހާރު ހުރި ވެކްސިންތަކުގެ އަސަރު ކުޑަކޮށްލާ ވޭރިއަންޓެއް ކަމަށް މިހާތަނަށް ކުރެވުނު ދިރާސާތަކުން ދައްކައެވެ.

އަދިވެސް ސައިންސްވެރިން ގެންދަނީ އޮމިކްރޮން ވޭރިއަންޓްގެ އިތުރު މައުލޫމާތުތައް ހޯދަމުންނެވެ. އޮމިކްރޮން ވޭރިއަންޓްގެ ތަފްސީލް މައުލޫމާތުތައް އެނގެން އަދި ދެހަފްތާއެއްހާ ދުވަސް ހޭދަވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު