ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްޓަކައި ސުންކު ނަގަން ބޭނުން ކުރާ ކަފަބުރު އިނގިރޭސިވިލާތުން ލިބުން ދަތިވާތީ އެގައުމުގެ ހެލްތު ސެކްރެޓަރީ ސާޖިދު ޖާވިދު ގާނޫނު ހަދާ މަޖިލިސް އަށް ހާޒިރުކޮށް ސުވާލު ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ އިދިކޮޅު ލޭބާ ޕާޓީގެ މެންބަރުން ބުނާ ގޮތުގައި ކޮވިޑަށް ޓެސްޓް ކުރުމަށްޓަކައި ބޭނުން ކުރާ ސުންކު ނެގުމަށް ކަފަބުރު މިހާރު ވެސް ގިނަ ފާމަސީތަކުން ލިބޭކަށް ނެތެވެ. އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގިނަ ބޭސްފިހާރަތަކާއި ޓައުންހޯލްތަކާއި ކުޅިވަރު ކްލަބްތަކަށް ވެސް ކަފަބުރެއް ނުލިބެއެވެ. އަދި ގާނޫނު ހަދާ މަޖިލީހުގައި ކޮވިޑަށް ޓެސްޓް ކުރަން ހުންނަ ތަނުން ވެސް ކަފަބުރު ހުސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ހެލްތު ސެކްރެޓަރީ ސާޖިދު އިއްޔެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކަފަބުރު ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ހަފްތާއަކު ވެސް އެތައް މިލިއަން ކަފަބުރެއް ބާޒާރެއް ނެރެމުންދާ ކަމަށެވެ. އަދި ގުދަންތަކުގައި ވެސް އެތައް މިލިއަން ކަފަބުރެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތު ސެކްރެޓަރީގެ ވާހަކަތަކަށް ރައްދު ދެމުން ލޭބާ ޕާޓީގެ ޝެޑޯ ކެބިނެޓްގައި ހެލްތު ސެކްރެޓަރީކަން ކުރައްވާ ވެސް ސްޓްރީން ވިދާޅުވީ ސާޖިދު އުޅުއްވަނީ އެހެން ޕްލެނެޓެއްގައި ކަމަށެވެ. "އަހަރެންނަށް ހީވަނީ ހެލްތު ސެކްރެޓަރީ އުޅުއްވަނީ އެހެން ޕްލެނެޓެއްގައި ހެން. އެއީ ސަރުކާރުގެ ވެބްސައިޓުން އޮންލައިންކޮށް ވެސް ކަފަބުރު ގަނެވޭކަށް ނެތް." ވެސް ސްޓްރީން ވިދާޅުވިއެވެ.

ހެލްތު ސެކްރެޓަރީ ވެސް ވަނީ އޮމިކްރޮން ވޭރިއަންޓް ފެނުމާއިއެކު ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދު އިތުރުވެ، ޓެސްޓް ކުރުމަށް ބާރުބޮޑުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ކޮވިޑަށް ޓެސްޓް ކުރުމުގެ ކެޕޭސިޓީ ވެސް އިތުރު ކުރަމުން އަންނަ ކަމަށް ހެލްތު ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތަކީ މިހާރު އޮމިކްރޮން ވޭރިއަންޓަށް އެންމެ ގިނަ ބަޔަކު ފައްސިވަމުން އަންނަ އެއްގައުމެވެ. ލަފާކުރެވޭ ގޮތުގައި މިހާރު އިނގިރޭސިވިލާތުން ދުވާލަކު ދެލައްކަ އަށް ވުރެ ގިނަ މީހުންނަށް އޮމިކްރޮން ވޭރިއަންޓް ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު