ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުމަށް ދެކޮޅު ހެދި 27 ސާވިސް މެމްބަރަކު އެމެރިކާގެ ވައިގެ އަސްކަރިއްޔާއިން ވަކިކޮށްފައިވާކަމަށް އަސްކަރިއްޔާއިން ބުނެފިއެވެ.

މިއީ ވެކްސިން ޖެހުމާއި ދެކޮޅުހެދުމުގެ ސަބަބުން މަގާމުން ދުރުކުރި ފުރަތަމަ އެކްޓިވް ޑިއުޓީ ސިފައިން ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ. ޕެންޓަގަން އިން މިދިޔަ އޮގަސްޓް މަހު ހުރިހާ ސާވިސް މެމްބަރުންނަށް ވެކްސިން މަޖުބޫރު ކޮށް، އެކްޓިވް ޑިއުޓީ ގައި ތިބި ގިނަ ސިފައިންނަށް މަދުވެގެން އެއް ޑޯޒް ވަނީ ދީފައެވެ.

ވައިގެ އަސްކަރިއްޔާގެ ތަރުޖަމާނެއް ކަމަށްވާ އޭން ސްޓެފަނެކް ވިދާޅުވީ، ސިފައިން ވެކްސިން ޖެހުމަށް ދެކޮޅު ހެދީ ކީއްވެގެންކަން ސާފުކޮށްދިނުމުގެ ފުރުސަތު ދެވުނު ކަމަށާއި، ނަމަވެސް އެއިން އެއްވެސް މީހަކަށް އެކަން ސާފުކޮށްދެވިފައި ނުވާކަމަށެވެ.

ވައިގެ އަސްކަރިއްޔާގެ 97 އިންސައްތަ ސިފައިންނަށް ކޮވިޑް-19 ވައިރަސްއިން ރައްކާތެރިވުމަށް ވެކްސިން ދީފައިވެއެވެ. އެއާ އެންޑް ސްޕޭސް ފޯސްގައި ގާތްގަނޑަކަށް 326،000 އެކްޓިވް ޑިއުޓީ ސިފައިން ތިބޭކަމަށް އަސްކަރިއްޔާއި ހަވާލަދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކޮވިޑް ބަލީގައި މިހާތަނަށް އެމެރިކާގެ އަސްކަރިއްޔާއިން 79 ސިފައިން ވަނީ މަރުވެފައެވެ. ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ޝިކާރައަކަށްވެ، އެމެރިކާއިން މަރުވި މީހުންގެ އަދަދު 800،000 އަށް ވަނީ އަރައިފައެވެ. ވެކްސިން ޖެހުން މަޖުބޫރުކޮށް ދުނިޔޭގެ ގިނަ ގައުމުތަކުން ހަރުކަށި ގަވައިދުތައް ނެރެމުންދާއިރު މި ބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިނަކީ މުހިންމު އެއްޗެއް ކަމަށް ގިނަ ގައުމުތަކުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު