ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19ގެ ޝިކާރައަކަށްވެ އެމެރިކާއިން މަރުވި މީހުންގެ އަދަދު 800،000 އަށް ވުރެ އިތުރު ވެއްޖެއެވެ.

މިއީ މުޅި ދުނިޔެއަށް ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުނު ފަހުން މިހާތަނަށް އެންމެ ގިނަ މީހުން ބަލީގައި މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ގައުމެެވެ.

ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 4 އިންސައްތަ ހިއްސާކުރަނީ އެމެރިކާއެވެ. ނަމަވެސް، ދުނިޔެއިން ކޮވިޑް ބަލިމަޑުކަމުގައި މަރުވެފައިވާ 5.3 މީހުންގެ ތެރެއިން 15 އިންސައްތަ މީހުން މަރުވެ ރިޕޯޓު ކޮށްފައިވަނީ އެމެރިކާގައެވެ. އެގައުމުން ކޮވިޑުގައި މަރުވެ ރިޕޯޓު ކޮށްފައިވާ މީހުންގެ ތެރޭގައި ވެކްސިން ނުޖަހާ މީހުން ގިނަކަން ފާހަގަ ކޮށްލެވެއެވެ.

އެގައުމުން 8 ލައްކަ މީހުން ކޮވިޑުގައި މަރުވިކަން ފާހަގަކުރައްވާ ނެރުނު ބަޔާނެއްގައި ރައީސް ޖޯ ބައިޑެން ވިދާޅުވީ މަރުވެ ގޮސްފައިވާ ކޮންމެ މީހެއްގެ މަތިންވެސް ހަނދާން ކުރާ ކަމަށެވެ. އަދި "ފިނި މޫސުމާ ދިމާކޮށް، އާ ވޭރިއަންޓަކާ ކުރިމަތިލާއިރު، މި ވައިރަހާ ދެކޮޅަށް ހަނގުރާމަ ކުރުން މަތީ ދެމިތިބުމަށް އަޒުމް ކަނޑައަޅަން ޖެހޭ،" ކަމަށް ވިދާޅުވިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ދެކުނު އެފްރިކާއިން ދެނެގަނެވުނު އޮމިކްރޮން ވޭރިއެންޓް އަކީ މިހާރު އެމެރިކާގެ ވޭދަަނަތަކުގެ 3 އިންސައްތަ ހިއްސާކުރާ ވޭރިއެންޓެކެވެ. ހަލުވިކަމާއެކު ފެތުރެމުންދާ މި ވޭރިއެންޓުގެ ވޭދަނަތައް އެމެރިކާގައި ވެސް އަދި އިތުރުވެގެންދާނެ ކަމަށް ތަޖުރިބާކާރުން ލަފާކޮށް، 16 އަހަރުން މަތީގެ އެންމެން ބޫސްޓާ ޑޯޒް ޖެހުމަށް ސިއްހީ އިދާރާތަކުން އެދިފައިވެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި، އޮމިކްރޮން ވޭރިއެންޓަކީ މިހާތަނަށް ފެނުނު އެހެން ވެރިއެންޓްތަކަށްވުރެ ހަލުވިކަމާއެކު ފެތުރޭ، ނުރައްކާތެރި ވެރިއެންޓެކެވެ.

 

ކިޔުންތެރިންގެ ހިޔާލު