އިނގިރޭސިވިލާތުން މިއަދު ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އެގައުމުގެ ސަރުކާރުން ދެންމެ ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އިނގިރޭސިވިލާތުން ވަނީ 78,610 މީހުން ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން މިއަދަކީ މިހާތަނަށް އެގައުމުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

އިނގިރޭސިވިލާތުން މިއަދު ފައްސިވި މީހުންގެ ތެރެއިން 4,671 މީހުން ވަނީ އޮމިކްރޮން ވޭރިއަންޓަށް ފައްސިވެފައެވެ. އެހެންކަމުން އޮމިކްރޮން ވޭރިއަންޓަށް އިނގިރޭސިވިލާތުން ފައްސިވި މީހުންގެ ޖުމްލަ މިހާރު ދިހަހާހަށް އަރައެވެ.

މީގެ ކުރިން އިނގިރޭސިވިލާތުން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވީ މިއަހަރުގެ ޖަނަވަރީ 08 ވަނަ ދުވަހުއެވެ. އެދުވަހު 68,053 މީހުން ކޮވިޑަށް ފައްސިވިއެވެ.

މިއަދު ކޮވިޑް ޖެހިގެން އިނގިރޭސިވިލާތުން 165 މީހުން ވަނީ މަރުވެފައެވެ.

އިނގިރޭސިވިލާތުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެގައުމުން މިހާރު ގެންދަނީ ވެކްސިން ޖެހުމުގެ ޕްރޮގްރާމް އިތުރަށް ފުޅާ ކުރަމުންނެވެ. އަދި ތިން ވަނަ ޑޯޒްގެ ވެކްސިންދޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރު ކުރަމުންނެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މިއަދު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިނގިރޭސިވިލާތުގެ ހާލަތު ގޯސްވެ، މީގެ ކުރިން ކުރިމަތިލާން ނުޖެހޭ ފަދަ ގޯސް ހާލަތަކާއި ވެސް ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އަދިވެސް ފިޔަވަޅުތައް ހަރުކަށި ކުރާކަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނުނިންމައެވެ. ސަރުކާރުން އަދިވެސް ބާރުއަޅަމުން ގެންދަނީ ކޮވިޑަށް ޝައްކު ކުރެވޭ މީހުން ވެސް އަމިއްލައަށް އެކަހެރިވެ، ޕާޓީތަކާއި އެއްވުންތަކުގައި ބައިވެރި ނުވުމަށެވެ. އަދި ވީއެންމެ އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު