ސްރީލަންކާގެ ފެކްޓްރީ މެނޭޖަރެއް ކަމަށްވާ ޕްރިޔާންތަ ކުމާރާ ދިޔާވަދަނާ އިސްލާމް ދީނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލި ހާދިސާއާ ގުޅިގެން ސިޔާސީ ތަޖުރިބާކާރުން ޕާކިސްތާނާއި މެދު ދެކޭގޮތް ހާމަކުރަން ފަށައިފިއެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި ޕްރިޔާންތުގެ ފުރާނަނެތް ހަށިގަނޑު އަންދާލި ހާދިސާއިން ދައްކުވައިދެނީ، ޕާކިސްތާނަކީ އިސްލާހީ މަސައްކަތް ކުރުމުގެ ގާބިލްކަން ނެތް ގައުމެއް ގޮތުގައެވެ..

އިންސައިޑް އޯވަރގައި ސާޖިއޯ ރެސްޓެލީ ލިޔުއްވާފައިވާ ގޮތުގައި ދީނަށް ފުރައްސާރަކުރުމުގެ ސަބަބުން ލާއިންސާނީ/އަނިޔާވެރިކަން އިންތިހާއަށް ދާ ދަރަޖައަށް މީހުންނަށް އަނިޔާކުރުމުގެ ސަބަބުން ޕާކިސްތާނުގެ ނަން ކިލަނބުވެފައިވާކަމަށެވެ.

ޕާކިސްތާނުގެ ސިއާލްކޮޓްގައި މިފަދަ ހާދިސާއެއް ހިނގިއިރު މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން މިފަދަ އެތައް ކަމެއް އެ ސަރަހައްދުގައި ވަނީ ހިނގާފައިކަމަށް އޭނާ ބުންޏެވެ.

”މިއީ ހަރުކަށި އިސްލާމީ ބަޔަކު ބިދޭސީއެއްގެ ގަޔަށް ބަޑިޖަހައި މަރާލި ފުރަތަމަ ފަހަރު“ ރެސްޓެލީ ބުނެފައިވެއެވެ.

ޕާކިސްތާނުގައި ވަޒީފާއަދާކުރާ ބޭރުގައުމުތަކުގެ އެހެން ދީންތަކުގެ މުވައްޒަފުންނާ މެދު އިހާނެތިކޮށް ކަންތައް ކުރުމާއި ނާތަހުޒީބު އަމަލުތައް ކުރުމުގެ އެތައް ޝަކުވާއެއް ފެންމަތިވެފައިވާކަމަށް ރެސްޓެލީ ވަނީ ބުނެފައެވެ. އަދި ލަންކާގެ މެނޭޖަރު މަރާލި ހާދިސާ އާއި ގުޅިގެން އެކަމަށް ހިތްވަރުދީ ބައެއް ފަރާތްތަކުން ވާހަކަތައްވެސް ދައްކަމުންދާއިރު މިއީ ޕާކިސްތާނުގެ ބޮޑުވަޒީރު ހިމެނޭގޮތަށް އެގައުމުގެ ސަރުކާރުންވެސް ގަބޫލު ކަންކަމެއް ނޫނެވެ.

މީސް މީޑިއާގައި އުފެދިފައިވާ ރުޅިވެރިކަމާއި، ބޮޑުވަޒީރު އިމްރާން ޚާން، އާމީ ޗީފް ގަމަރު ބަޖްވާ ފަދަ ބޭފުޅުން، އަދި އެނޫންވެސް ސިޔާސީ ބޭފުޅުންނާއި، އޮފިޝަލުން ފަދަ ބޭފުޅުން މި ހާދިސާ ވަރަށް ބޮޑަށް ވަނީ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު