އިންޑިއާގެ މަހާރާޝްތްރާ ސްޓޭޓްގެ 10 އަށްވުރެ ގިނަ މިނިސްޓަރުންނާއި ލެޖިސްލޭޓިވް އެސެމްބްލީ (އެމްއެލްއޭ)ގެ 20 މެންބަރަކު މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް އެ ސްޓޭޓްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރް މިއަދު ވިދާޅުވެއްޖެއެވެ.

އެ ސްޓޭޓްގައި ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވުމާއެކު މިހާރު ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށްވެސް ނިންމައި އިންޒާރު ދީފައި ވެއެވެ.

ޕަވާރް މިގޮތަށް އިންޒާރުދީފައި ވަނީ އެ ސްޓޭޓް އިން އިއްޔެ، 8.067 މީހަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެންނެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހު އެ ސްޓޭޓްއިން ފައްސިވި މީހުންނަށްވުރެ 50 އިންސައްތަ އިތުރު އަދަދެކެެވެ.

"އަޅުގަނޑުމެން ދާދި ފަހުން އެސެމްބްލީ ސެޝަން ކަނޑާލީ. މިހާތަނަށް 10 އަށް ވުރެ ގިނަ މިނިސްޓަރުންނާއި 20 އަށް ވުރެ ގިނަ އެމްއެލްއޭ އިން ވަނީ ކޮވިޑަށް ފައްސިވެފައި. ކޮންމެ މީހަކުވެސް ބޭނުންވޭ އާ އަހަރުގެ ހަރަކާތްތަކާއި، އުފަންދުވަސްތަކާއި، އެނޫންވެސް މުނާސަބަތުތަކުގައި ބައިވެރިވާން. އެކަމަކު ކޮވިޑް އާ ވޭރިއަންޓް ހަލުވިކަމާއެކު ފެތުރޭކަން ހަނދާން ބަަހައްޓަން ޖެހޭ".

މިހާރުވެސް އިންޑިއާގެ ސްޓޭޓްތަކުން ވަނީ ރޭގަނޑު ކާފިއު އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި މަހަރަޝްތްރާ ހިމެނޭއިރު އެ ސްޓޭޓްގެ ސިޓީތަކުގެ ތެރޭގައި ހިމެނޭ ޕޫނޭ އަދި މުމްބާއީގައި ކޮވިޑްގެ ވޭދަނަތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، އެ ސްޓޭޓްގައި ކޮވިޑާއި ގުޅިގެން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުން އިތުރުވެއްޖެނަމަ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމަށެވެ.

މަހަރަޝްތްރާ ސްޓޭޓްގައި ފާއިތުވެދިޔަ 12 ދުވަސް ތެރޭގައި ކޮވިޑްގެ ވޭދަނަތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެގެން ގޮސްފައެވެ. އެހެންވެ އެ ސްޓޭޓްގައި ފިޔަވަޅުތަކެއްވެސް އަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު