އިޓަލީގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މައްޗަށް އަރައިފިއެެވެ.

އެ ގައުމުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އިއްޔެ އެގައުމުން އަލަށް 219،441 މީހަކު ކޮވިޑަށް ފައްސިވިއިރު، އޭގެ ކުރީ ދުވަހު ފައްސިވެފައި ވަނީ 189،109 މީހުންނެވެ.

މިއި އެ ގައުމުން އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަބަޔަކު ކޮވިޑަށް ފައްސިވި ފަހަރެވެ.

މީގެ އިތުރުން އެ ގައުމުން ކޮވިޑްގައި މަރުވާ މީހުންގެ އަދަދުތައްވެސް ވަނީ މައްޗަށް ޖެހިލާފައެވެ. އެގޮތުން އެ ގައުމުން އިއްޔެ އެ ގައުމުން 231 މީހަކު ކޮވިޑްގައި މަރުވިއިރު، އޭގެ ކުރީ ދުވަހު މަރުވެފައި ވަނީ 198 މީހެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް ފެތުރެމުންދާއިރު، މިހާރު ހުރިހާ ހިސާބަކަށްވެސް އެންމެ ބޮޑުވަރުވެފައި ވަނީ ކޮވިޑްގެ އާ ވޭރިއެންޓާއި ގުޅިގެންނެވެ. މި ވޭރިއެންޓާއި ގުޅިގެން އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދު މަދުވި ނަމަވެސް، ފައްސިވާ އަދަދުތައް އުޅެނީ ވަރަށް ވަރަށް ބޮޑަށް މަތީގައެވެ.

އިޓަލީގެ ހާލަތަށް ބަލާއިރު، މިހާތަނަށް އެ ގައުމުން 6,975,465 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި އެ ބަލީގައި މިހާތަނަށް 138,474 މީހަކު މަރުވެފައި ވެއެވެ.