އިންޑިއާގައި މުސްލިމް އަންހެނުން ވިއްކަން އެޕްލިކޭޝަނެއް ތައްޔާރު ކުރި މީހާ ހައްޔަރު ކޮށްފިއެވެ.

އިންޑިއާގެ ފުލުހުން ބުނެފައިވަނީ އެޕްލިކޭޝަނެއް ތައްޔާރުކޮށް އޭގައި މުސްލިމުން އަންހެނުންގެ ފޮޓޯ ހިއްސާކޮށް ވިއްކަން ޖެހި މައްސަލައިގައި އުމުރުން 20 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

"ބުލީ ބައި" ނަމުން ނަން ދީފައިވާ މި އެޕްލިކޭޝަނާއި ގުޅިގެން އިންޑިއާގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނައިރު، ފާއިތުވި ހަފްތާއެއްހާ ދުވަސް ކުރިން އެ އެޕްލިކޭޝަންގައި ދުނިޔޭގެ އެކި ހިސާބުތަކުގެ މުސްލިމް އަންހެނުންގެ ފޮޓޯ ވަނީ ހިއްސާ ކޮށްފައެވެ.

ފުލުހުން ބުނީ، މި އެޕްލިކޭޝަނާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ފިރިހެން މީހާއަކީ އެގައުމުގެ އައްސާމް ސްޓޭޓަށް ނިސްބަތްވާ އިންޖިނިއަރިން ކިޔަވަމުން އަންނަ ދަރިވަރެއް ކަމަށެވެ. އަދި އޭނާ އަކީ ކޮމްޕިއުޓަރ އެމަޖެންސީ ރެސްޕޮންސް ޓީމުގައި ވެސް މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"އޭނާ އަކީ ބުލީ ބައި އެޕްލިކޭޝަން އުފެއްދި މީހާ. އެޕްލިކޭޝަންގެ އިތުރުން އޭނާ ވަނީ ޓުވިޓާ އެކައުންޓެއް ވެސް ހަމަ އެ ނަމުގައި ހުޅުވާފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި އެޕްލިކޭޝަނާއި ގުޅިގެން އިތުރު ތިން މީހަކު ވެސް މީގެ ކުރިން ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ ދެ ފިރިހެނުންނާއި 19 އަހަރުގެ އަންހެނެއް ކަމަށެވެ. މި މީހުން ހައްޔަރު ކުރި ނަމަވެސް އަދި އެމީހުންނަށް ދައުވާ ކުރުމަށް ފޮނުވާފައިވާކަން ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު