ތުރުކީ ވިލާތުގައި ތިބި އުއިގާ މުސްލިމުން ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް މައްސަލަ ހުށައަޅައިފިއެވެ.

އުއިގާ މުސްލިމުން ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް ހުށައެޅީ ނަސްލު ނައްތާލުމަށް މަސައްކަތް ކުރުމާއި، އަނިޔާކުރުމާއި، ރޭޕްކުރުމާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާ ކަމަށް ބުނާ މައްސަލައެވެ.

މި މައްސަލައިގައި ވަކާލާތު ކުރާ ގާނޫނީ ވަކީލު ގުލްޑެން ސޮންމޭޒް އަންގާރަ ދުވަހު ވިދާޅުވީ، 2016 ވަނަ އަހަރުން ފެށިގެން ޗައިނާގެ ކޭމްޕްތަކުގައި މިލިއަނެއްހާ އުއިގާ ދަރިކޮޅުގެ މީހުންނާއި، އެނޫންވެސް މުސްލިމް ކުޑަ އާބާދީތައް ބަންދުކޮށްގެން، މަޖުބޫރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ގުލްޑެން ސޮންމޭޒް ވިދާޅުވީ މިފަދަ އެތައް ތުހުމަތުތަކެއް އެފަރާތްތަކާއި މެދު ކުރެވިފައިވާއިރުވެސް ޗައިނާގެ ކަމާބެހޭ ފަރާތްތަކާ ދެކޮޅަށް ބައިނަލްއަގްވާމީ އިދާރާތަކުން އެއްވެސް އަމަލެއް ކޮށްފައި ނުވާތީ، އެކަން ކުރަން ޖެހޭ ކަމަށެވެ.

ޗައިނާއިން ފުރަތަމަ މުސްލިމުން ހައްޔަރުކޮށްގެން ހިންގާ ކޭމްޕްތައް ހުރި ކަމަށް އިންކާރު ކުރި ނަމަވެސް، އޭގެ ފަހުން އެ ކޭމްޕްތަކަކީ ވޮކޭޝަނަލް ސެންޓަރުތަކެއް ކަމަށާއި، އެ ކޭމްޕްތަކަކީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ތައްޔާރުކޮށްފައިވާ ކޭމްޕްތަކެއް ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

މުސްލިމުންނާ ދެކޮޅަށް ކުރާ ލާއިންސާނީ އެތައް އަނިޔާތަކެއްގެ ވާހަކަ މީޑިއާތަކުން ގެނެސްދޭ އިރު، މި ހުރިހާ ވާހަކައެއް ޗައިނާއިން ދޮގުކުރެއެވެ.

ޗައިނާ ފިޔަވައި އުއިގާ ދަރިކޮޅުގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުން ދަނީ ތުރުކީގައެވެ. އެގޮތުން އެގައުމުގައި 50،000 އުއިގާ ދަރިކޮޅުގެ މީހުން ދިރިއުޅެއެވެ.

ތުރުކީގައި ޗައިނާގެ އޮފިޝަލުންނާއި ދެކޮޅަށް މުޒާހަރާތައް ކުރިޔަށްދާއިރު އެގައުމުގައި ހުރި ޗައިނާގެ އެމްބަސީއިން މިކަމަށް އެއްވެސް ރައްދެއް ދީފައި ނުވެއެވެ.