އިންޑިއާގައި ފުރަތަމަ ފަހަރަށް 11 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ބައްޕައާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެގައުމުގެ ޓެލަންގަނާގެ ކަރިމްނަގަރު ޑިސްޓްރިކްޓަށް އުފަން 11 އަހަރުގެ މޮލުގުރި ޝާޝީ ކުމާރު ފުލުހުންނަށް ހުށަހެޅި އެ މައްސަލައަކީ އިންޑިއާ ފުލުހުންނަށް ހުށަހެޅުުނު އެބާވަތުގެ ފުރަތަމަ މައްސަލައެވެ. އެމައްސަލަ ހުށަހެޅުމާ ގުޅިގެން ފުލުހުން ވަނީ މައްސަލައަށް ޚާއްސަ އަހަމިއްޔަތުކަމެއް ދީގެން ބަލަން ފަށައި އޭނާގެ ބައްޕަ ހައްޔަރުކޮށްފައެވެ.

މޮލުގުރި ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ބައްޕަ އަކީ ރާބޮއެގެން އައިސް މަންމައާއި އޭނާއަށް އަނިޔާކުރާ މީހެއް ކަމަށާއި، އެގޮތުން އެއްދުވަހު މިރުސްވެސް އޭނާގެ ގަޔަށް ޖެހި ކަމަށެވެ. އެ ގޮތަށް ކަންތައް ހިނގާތާ ވަރަށް ދުވަސް ވެއްޖެ ކަމަށާއި އޭނާ ބޭނުން ވަނީ ހޮސްޓެލް އެއްގައި ހުރެގެން ކިޔަވަން ކަމަށާއި އެފުރުސަތު އޭނާއަށް ތަނަވަސް ކޮށްދިނުމަށް އެދި އޭނާ ވަނީ ފުލުހުންގެ ކައިރިން އެދިފައެވެ.

މޮލުގުރި އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިހަފްތާގެ ހުކުރު ދުވަހު ލިއުމަކުންނެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ބަލައިގަނެފައިވަނީ އެގައުމުގެ ޕީނަލް ކޯޑުގެ 324 މާއްދާއާއި 342 އަދި 506 މާއްދާގެ އިތުރުން، ކުޑަކުދިންނާ ބެހޭ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުންނެވެ.

އެމައްސަލަ ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ މޮލުގުރީގެ ބެލެނިވެރިކަން ނަގައި، އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ފޮނުވާފައެވެ.