އިންޑިއާގެ ޗައްތިސްގަޅު ސްޓޭޓްގެ ރާއީޕޫރު ސިޓީގެ އެއާޕޯޓަކަށް ހެލިކޮޕްޓަރެއް ވެއްޓި، ދެ ޕައިލެޓުން މަރުވެއްޖެއެވެ.

އިއްޔެ ރޭގެ ވަގުތެއްގައި އެ ހެލިކަޕްޓަރު ވެއްޓިފައިވާއިރު، ފުލުހުން ބުނެފައި ވަނީ، މި އެކްސިޑެންޓްގައި މަރުވެފައިވަނީ ކެޕްޓަން ގޯޕާލް ކްރިޝްނާ ޕެންޑާ އާއި ކެޕްޓަން އޭޕީ ޝްރިވަސްތަވާ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ހެލިކޮޕްޓާރުގައި ރޯވީ ޕައިލެޓުން ހެލިކޮޕްޓަރު ޖައްސަން އުޅުމުގެ ތެރޭގައެވެ.

މި އެކްސިޑެންޓްގައި ބޯޓުގައި ތިބި ދެ ޕައިލެޓުންވެސް މަރުވެފައިވާއިރު، އެ ބޯޓުގައި އެއްވެސް ފަސިންޖަރަކު ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސީނިއާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (އެސްއެސްޕީ) ޕްރަޝާންތު އަގްރަވާލް ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ރޭ 9:10 ހާއިރު، ރާއީޕޫރުގެ ސްވާމީ ވިވެކަނަންދަ އެއާޕޯޓުގައި ތަމްރީންތަކެއް ހަދަމުން ދަނިކޮށް ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައި ނުވާ ކަމަށް ވެއެވެ.

އެހެން ނަމަވެސް ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި، ސީދާ ސަބަބު ދެނެގަތުމަށް ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އާއި ޗައްތިސްގަޅު ސަރުކާރުގެ ފަރާތުން ތަފްސީލީ ޓެކްނިކަލް ތަހުގީގެއް ކުރާނެ ކަމަށް ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު