ދުނިޔެ މިހައިތަނަށް ދުށް އެންމެ ބާރު ދުވުންތެރިޔާ, އުސެއިން ބޯލްޓް އެންމެ ފަހުން ފުޓްބޯޅަ ކުޅެން ފަށައިފިއެވެ.

ދުވުމުގެ ދާއިރާއިން މިހާރު ރިޓަޔާ ކޮށްފައިވާ އުސައިން ބޯލްޓް ވަނީ ދުވަން އުޅުނު ދުވަސް ކޮޅުގައި ވެސް މަޝްހޫރު އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑް އަށް ކުޅުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް, ބޯލްޓް އަށް އެކަން ކާމިޔާބު ވާ ގޮތެއް ނުވެއެވެ.

ޔުނައިޓެޑް އަށް ކުޅެން ނުހަނު ބޭނުން ވި ބޯލްޓް އަށް އެ ފުރުސަތު ނުލިބުނު ނަމަވެސް, އޭނަ މިވަނީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން ފަށަން ނިންމާފައެވެ.

މިގޮތުން ބޯލްޓް ވަނީ އޭނަ ފުޓްބޯޅަ ކްލަބް އަކަށް ސޮއި ކޮށްފައިވާ ކަން ހާމަ ކޮށްފައެވެ. އެހެން ނަމަވެސް, އެއީ ކޮން ކްލަބް އެއް ކަން އޭނާ އަދި ހާމަ އެއް ނުކުރެއެވެ.

މެންޗެސްޓާ ޔުނައިޓެޑް އިން ބޯލްޓް އަށް ދީފައިވާ ޖާސީ

މި ހަފްތާ ތެރޭގައި ބޯލްޓް ގުޅޭނީ ކޮން ކްލަބް އަކާއި ކަން އެގިގެން ދާނެ ކަމަށް ރިޕޯޓް ތަށް ބުނާ އިރުގައި, ބޯލްޓް ވަނީ ޑޯޓްމަންޑް ގެ ޓްރެއިލް އެއް ގައި މާރޗް މަހު ބައިވެރި ވުމަށް ވެސް ހަމަ ޖެހިފައިކަން ފާހަގަ ކޮށްލެވެއެވެ.

ބޯލްޓް ސޮއި ކޮށްފައި ވަނީ ކޮން ކްލަބް އަކަށް ކަން ޔަގީންވެފައި ނުވި ނަމަވެސް, ބެލެވޭ ގޮތުގައި އޭނަ ގުޅޭނީ މަޝްހޫރު ސްޕޯޓްސް ބްރޭންޑް ޕޫމަ ގެ ސްޕޮންސާ ދީފައިވާ ކްލަބް އަކާއިއެވެ.

އެތްލެޓިކަސް އިން ރިޓަޔާ ކޮށްފައިވާ ބޯލްޓް އަކީ ދުވުމުގެ ރަސްގެފާނު ކަމުގައި މީހުން ދެކޭ އިރުގައި އޭނަ އަތުގައި އަދިވެސް ދުނިޔޭގެ 3 ވޯލްޑް ރިކޯޑް އަކާއި 20 އޮލިމްޕިކްސް އަދި ވޯލްޑް ޗެމްޕިއަންޝިޕް މެޑަލް އެބަ އޮތެއެވެ.

ބޯލްޓް ފުޓްބޯޅަ ދަނޑު މަތިން ފެންނަން އޭނާގެ ގިނަ ފޭނުން ތަކެއް އެދި އެދި ވާއިރު, މިކަމުގެ ސަބަބުން އޭނަ އެގުޅޭ ކްލަބްގެ އާމްދަނީ އެތައް ތަނަކުން އިތުރުވެސް ވާނެއެވެ.