އިންޑިޔާގެ މަހުޖަނު މުކޭޝް އަމްބާނީ އޭނާގެ ވިޔަފާރިތައް ދަރިންގެ މެދުގައި ބަހާނެ ޕްލޭން ހާމަކޮށްފި އެވެ.

އިންޑިއާގެ އެންމެ އަގުބޮޑު ކުންފުނީގެ ވެރިޔާ ބިލިއަނަރު މުކޭޝް އަމްބާނީ އޭނާގެ ވިޔަފާރިތައް ވާރުތަވުމުގެ ޕްލޭން އެކުލަވާލައި އިއުލާން ކޮށްފިއެވެ.

އަމްބާނީ އެކުލަވާލި ޕްލޭންގައި ވާގޮތުން ޓެލެކޮމް އަދި ރީޓެއިލް ވިޔަފާރި ހިންގާނީ އޭނާގެ ބޮޑު ދެދަރިން ކަމަށްވާ އާކާޝް އާއި އީޝާ އެވެ. އަދި ހަކަތައިގެ ވިޔަފާރި ހިންގާނީ އޭނާގެ އެންމެ ހަގުދަރިފުޅު އަނަންތު އެވެ.

65 އަހަރުގެ އަމްބާނީ ވިދާޅުވީ އޭނާ އަދި ރިޓަޔާ ނުކުރައްވާ ކަމަށާއި ނަމަވެސް ކުރިން ވެސް އޮތް ގޮތަށް ލީޑާޝިޕް ފޯރުކޮށް ދެއްވަމުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.

ރިލަޔަންސް އިންޑަސްޓްރީޒް ލިމިޓެޑްގެ އަހަރީ ހިއްސާދާރުންގެ ޖަލްސާގައި އަމްބާނީ ވިދާޅުވީ، އޭނާ އިޢުލާނުކުރެއްވި ހަރުދަނާ ޕްލޭންގެ ސަބަބުން މިހާރު ހުރި ވިޔަފާރިތައް ކުރިއަރުވައި،ހަކަތައިގެ އާ ދޮރުތައް އިތުރުކުރާނެ ކަމަށެވެ. އަދި މި ފާމް ދެމިއޮންނާނީ ޔުނިޓެއްގެ ގޮތުގައި ކަމަށާއި ހަރުދަނާ އަދި ރައްކާތެރި މުއައްސަސާއެއްގެ ގޮތުގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިލަޔަންސްގައި ފުޅާ ތިން ވިޔަފާރިއެއް އޮންނަ އިރު، އެއީ ތެޔޮ ރިފައިނިން އެންޑް ޕެޓްރޯކެމިކަލްސް، ރީޓެއިލް އަދި ޓެލެކޮމް ހިމެނޭ ޑިޖިޓަލް ހިދުމަތްތައް ދޭ ކުންފުނިތައް ހިމެނެ އެވެ. ރީޓެއިލް އަދި ޑިޖިޓަލް ހިދުމަތްތައް ހުންނަނީ މުޅިން ވެސް ހިއްސާ އޮންނަ ވަކި ސަބްސިޑަރީ ކުންފުނިތަކެއް ކަމަށްވާ ޖިއޯ ޕްލެޓްފޯމްސް އާއި ރިލަޔަންސް ރީޓެއިލް ވެންޗާސް ލިމިޓެޑް(އާރްއާރްވީއެލް) ގައެވެ.

އޮއިލް ޓު ކެމިކަލް ނުވަތަ އޯ2ސީ ގެ ވިޔަފާރިއަކީ ރިލަޔަންސްގެ ފަންކްޝަނަލް ޑިވިޝަނެކެވެ. ހަކަތައިގެ އާ ވިޔަފާރި ވެސް އޮތީ އެ ކުންފުންޏާ އެކުގައެވެ.