ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގައި ފެންބޮޑުވެ ލިބެމުންދާ ގެއްލުންތަކުން އަރައިގަންނަން ޗައިނާ ސަރުކާރުން ޕާކިސްތާނަށް 100 މިލިއަން ޔުއާން (14.5 މިލިއަން ޑޮލަރު)ގެ އެހީ ދޭން ނިންމައިފިއެވެ.

އޮފިޝަލުން ބުނާގޮތުގައި، ޖޫން މަހުން ފެށިގެން އެ ގައުމަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 1،136 މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ގިނައެވެ.

މި ވިއްސާރައިގައި ފެންބޮޑުވެ ހާލުގައި ޖެހިފައިވާ އެތައް ބަޔަކު އެބަތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ހާލަތުގެ ސަބަބުން އެތައް ބަޔަކު ކުރިއަށް އޮތް ދުވަސްތަކުގައި މަރުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ގައުމުތަކުގެ އެހީތެރިކަމަށް އެދިފައިވާއިރު، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސީއައިޑީސީއޭ)ގެ އޮފިޝަލެއް ކަމަށްވާ ޒެންގް ޔުއާންޑޮންގ ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޕާކިސްތާނަށް މިހާރުން މިހާރަށް ބޭނުންވާ 25،000 ޓެންޓާއި، އެނޫންވެސް ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހެނިހެން ސާމާނު ހިމެނޭ ގޮތަށް 100 މިލިއަން ޔުއާން (ގާތްގަނޑަކަށް 14.5 މިލިއަން ޑޮލަރު) ގެ އިމަޖެންސީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޗައިނާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މި ވިއްސާރައިގައި ޕާކިސްތާން 33 މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު