ޔޫރަޕަށް ދިމާވެފައިވާ ހަކަތައިގެ ދަތިކަމާއެކު އިޓަލީގެ ގިނަ ކުންފުނިތަކެއް ބަނގުރޫޓު ވެދާނެކަމުގެ ބިރު ބޮޑު ވެއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހު ރަޝިއާއިން ޔުކްރޭންއަށް އަރައިގަތުމާ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު ޔޫރަޕުން ވަނީ ރަޝިއާއިން ގޭހާއި ތެޔޮ އެތެރެ ކުރާލެއް ވަރަށް ބޮޑަށް މަދުކޮށްފައެވެ. އަދި ރަޝިއާއިން ފަހުން ވަނީ ޔޫރަޕަށް ގޭސް ފޮނުވާ މައި ހޮޅި ވެސް ބަންދުކޮށްފައެވެ.

އިޓަލީއަކީ ކުރިން ރަޝިއާގެ ގޭހަށް ވަރަށް ބޮޑަށް ބަރޯސާވަމުން އައި ގައުމެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެ ގައުމަށް އެތެރެ ކުރާ ގޭހުގެ 40 ޕަސެންޓަކީ ރަޝިއާގެ ގޭހެވެ.

އެހެން ނަމަވެސް ގޭސް އެހެން ގައުމުތަކުން ހޯދަން ޖެހުމުން އިޓަލީގައި ގޭހާއި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަސް ގޮސްފައެވެ.

އިޓަލީގެ އިންޑަސްޓްރިއަލް ލޮބީ ކޮންފިންޑަސްޓްރިއާއިން ބުނީ ހަކަތައިގެ އަގުތައް މިހާރު ދާ ރޭޓުން މައްޗަށް ދާނަމަ ވަރަށް ގިނަ ކުންފުނިތައް ބަނގުރޫޓުވެދާނެ ކަމަށެވެ.

އެހެންކަމުން ސަރުކާރުން ކުންފުނިތަކަށް ސަބްސިޑީ ދިނުމަށް އޭނާ ގޮވާލެއްވިއެވެ.

އިޓަލީގައި މިހާރު ވިޔަފާރިތަކަށް އެއް މެގަވޯޓްޕާ އަވާ އަށް 320 ޔޫރޯ ދަނީ ނަގަމުން ނެވެ. ނަމަވެސް މިއީ މާބޮޑު އަދަދެއް ކަމަށާއި އަދި ހަރަދުތައް ދެކޮޅު ނުޖެހޭ ކަމަށް ވިޔަފާރިތަކުން ދަނީ ބުނަމުންނެވެ. އެއާއެކު އިޓަލީގެ ރައްޔިތުންނަށް ބޮޑު ތުރާލަކަށް ވާނެކަމަށް ވެސް ކުންފުނިތަކުން ދަނީ ބުނަމުންނެވެ.