ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ސިޓީއެއް ކަމަށްވާ ޗެންގްޑޫގައި ކޮވިޑް-19 ފެތުރޭތީ އެޅި ހަރުކަށި ފިޔަވަޅުތަކާއި ގުޅިގެން އެ ސިޓީގެ ރައްޔިތުންގެ މެދުގައި މާޔޫސްކަން އިތުރުވެއްޖެއެވެ.

އެ ސިޓީގައި ހަރުކަށި ފިޔަވަޅުތައް އަޅަން ތައްޔާރުވަމުން ދަނިކޮށް އެގައުމުގެ އެތައް ހާސް ރައްޔިތުންނެއް ވަނީ ފިހާރަތަކަށާއި މާރުކޭޓުތަކަށް ގޮސް ކާބޯތަކެތި ގަނެ ގެތަކުގައި ރައްކާ ކުރިއެވެ.

ފުރަބަންދުގެ ސަބަބުން ގޭގައި ހުންނަން މަޖުބޫރުވެފައިވާ އުމުރުން 42 އަހަރުގެ ޔުނިވާސިޓީ ލެކްޗަރާއެއް ކަމަށްވާ ހުއާންގް ވަނީ އޭނާ އަށް ކުރިމަތިވި ހިތްދަތި ތަޖުރިބާ ހިއްސާކޮށްފައެވެ.

ކާރޫބާރޫ ގިނަ މަގުތައް ފުރަބަންދުގެ ސަބަބުން ފަޅުވެފައި

ހުއާންގް ބުނީ އޭނާ މަހާއި ތަރުކާރީ ގަންނަން މާރުކޭޓަށް ގޮސް ހުއްޓާ މީހަކު ހަޅޭއްލަވައިގަތް އަޑު އިވުނު ކަމަށެވެ.

"ކްލޯޒް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވުނު މީހަކު މިތާ އެބަހުރި. މިތަން ކަރަންޓީން ކުރާނެ" ބާރަށް ހަޅޭއްލަވައިގަތް މީހާ ބުނެފައިވެއެވެ.

މި އަޑު އިވުމާއެކު ގަތް ބިރަކުން ހުއާންގް ވަނީ އޭނާ ގަތް ކާއެއްޗެހި އުކާލާފައި އޭނާގެ ކުޑައަންހެން ދަރިފުޅު އުރާލައިގެން ގެއާ ދިމާލަށް ދުއްވައިގަނެފައެވެ.

"އެވަގުތު އަޅުގަނޑަށް ވިސްނުނު ހުރިހާ ވެސް ކަމަކީ ދުވުން،" މަޖުބޫރުން ކަރަންޓީނުގައި ހުންނަން ނުޖެހި ސަލާމަތްވުމުގެ ނަސީބު ލިބުމުން އުފާވާކަމަށް ބުނަމުން ހުއާންގް ބުންޏެވެ.

އެތަނުގައި ބަންދުވެފައި ތިބި އެހެން މީހުންނަށް ފަހުންވީގޮތެއް ނޭނގޭކަމަށް އޭނާ ބުންޏެވެ.

މި ހާދިސާ ހިނގިތާ ހަފްތާއެއްހާ ދުވަސް ފަހުން 21 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ މި ސިޓީ އެއްކޮށް ވަނީ ފުރަބަންދުކޮށްފައެވެ. ހުއާންގް އެންމެ ކަންބޮޑުވަނީ އޭނާގެ އުމުރުންދުވަސްވީ މައިންބަފައިންނާ މެދުގައެވެ. ސަބަބަކީ އޭގެ ތެރެއިން އެކަކީ ކިޑްނީ ޑައިލެސިސް ހަދަންޖެހޭ މީހަކަށް ވުމެވެ. ކޮވިޑް ފުރަބަންދުގެ ސަބަބުން އެކަން ކުރުމަށް އެޅޭނެ ހުރަސްތަކުގެ ސަބަބުން އޭނާ މާޔޫސްވެއެވެ.

ހުއާންގް ފަދައިން އެތައް ރައްޔިތުންނެއް މިފަދަ ހާލެއްގައި ޗެންގްޑޫގައި އެބަ ތިއްބެވެ. ދުވާލަކު އެއްފަހަރު ކާން މަޖުބޫރުވެފައިވާ އެތައް ހާސް މީހުންނެއް ތިބިއިރު ސާފު ވައި ނުލިބޭތީ ހިތަށް ފިނިކަމެއް ނުލިބި އެތައް ބަޔަކު ދަނީ ހިތްދަތި ދުވަސްތައް ތަހައްމަލް ކުރަމުންނެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ 20 ވަނަ ކޮންގްރެސް އޮކްޓޯބަރު މަހުގެ މެދުތެރޭގައި ބޭއްވުމުގެ ކުރިން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް، ޗައިނާގެ33 ސިޓީއެއްގެ 65 މިލިއަން މީހުން ފުރަބަންދުކޮށްފައި ވަނީ ބައިތިއްބާފައެވެ.