އަވައްޓެރި އިންޑިޔާގެ ނޮއިޑާގެ ސެކްޓާ 39 ސަރަހައްދުގައި އުމުރުން އެއް އަހަރުގެ ކުއްޖަކަށް ކުއްތާއެއް ދިން ހަމަލާއެއްގައި ތުއްތު ކުއްޖާ މަރުވެއްޖެއެވެ.

މި ހާދިސާއާއި ގުޅިގެން ގިނަ ބަޔަކު އެކަމާ ދެކޮޅަށް އަޑުއުފުލަމުންދާއިރު ގޯތަމް ބުދު ނަގަރް ފުލުހުން ބުނީ ތުއްތު ކުއްޖާ މަރުވީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާ އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. ގާޒިއާބާދު މުނިސިޕަލް ކޯޕަރޭޝަނުން ވަނީ ޕިޓްބުލް، ރޮޓްވެއިލާ އަދި ޑޯގޯ އާޖެންޓީނޯކުއްތާގެ ބާވަތްތައް އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުންގެ ގޮތުގައި ގެންގުޅުން މަނާކޮށްފަ އެވެ. މިފަދަ އަމުރެއް ނެރެފައި މިވަނީ އެ ސަރަހައްދުގައި އޮޅުކޮށްގެން ގެންގުޅޭ ކުއްތާތަކެއްގެ ފަރާތުން ބައެއް އާންމުންނަށް ސިލްސިލާކޮށް ހަމަލާތަކެއް ދީފައި ވަނިކޮށެވެ.

މިދިޔަ ހޮނިހިރު ދުވަހު މުނިސިޕަލް ކޯޕަރޭޝަނުން ވަނީ މިފަދަ ޖަނަވާރުތައް އޮޅުކޮށްގެން ގެންގުޅޭ ފަރާތްތަކަށް ހާއްސަ އެހެން ގައިޑްލައިން ތަކެއް ވެސް އާންމުކޮށްފަ އެވެ. އެ ގައިޑްލައިންގައި ވާގޮތުން "ޕެޓް އޯނަރުން" ކުއްތާގެ ލައިސަންސް ނަގަން ޖެހޭނެ ކަމަށާއި އެ ލައިސަންސް ދޫކުރާނީ ނޮވެމްބަރު 1، 2022 އިން ފެށިގެން ކަމަށެވެ. އަދި ދެ މަސް ދުވަހުގެ ތެރޭގައި ކުއްތާގެ ރަޖިސްޓްރީ ވެސް ނަގަން ޖެހޭނެ އެވެ.

ނުރައްކާތެރި ބާވަތްތަކުގެ ކުއްތާތައް ގެންގުޅޭ ފަރާތްތަކަށް އެ ފަރާތްތަކުގެ ކުއްތާތަކަށް ވެކްސިން ޖެހުމަށް ދެ މަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެއަށްފަހު މުނިސިޕަލް ކޯޕަރޭޝަންގައި ރަޖިސްޓްރީ ކޮށްފައި ނުވާ މި ބާވަތުގެ ކުއްތާތައް ގެންގުޅޭ ކޮންމެ މީހަކަށް ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް މުނިސިޕަލް އިން ވަނީ ބުނެފައެވެ.

މުނިސިޕަލް ކޯޕަރޭޝަން ގާޒިއާބާދުގެ ވެޓެރިނަރީ އޮފިސަރު އަނޫޖް ކުމާރު ވިދާޅުވީ ގާޒިއާބާދުގައި ކުއްތާގެ ހަމަލާތައް މެދުކެނޑުމެއްނެތި އިތުރުވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން މުނިސިޕަލް ކޯޕަރޭޝަންގެ ހައުސްގައި ގަރާރެއް ފާސްކުރީ މިހާރު ޕިޓްބުލް، ރޮޓްވެއިލާ ފަދަ ނުރައްކާތެރި ކުއްތާތައް ބެހެއްޓުން މަނާ ކުރާނެ ކަމަށެވެ.

"މިވަގުތު ދެ މަސް ދުވަހަށް ވަގުތު ދެނީ މުނިސިޕަލް ސައިޓުގައި މީހުން ކުއްތާ ރަޖިސްޓްރީ ކުރެވޭނެ ގޮތަށް. ދެ މަސް ފަހުން މި ބާވަތުގެ ކުއްތާ ބަހައްޓާފައި ތިބި މީހުން ރަޖިސްޓްރީނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ."

ކިޔުންތެރިންގެ ހިޔާލު