ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ތަކުރާރުކޮށް ދިން ހަމަލާތަކުގައި ރަޝިޔާ ސިފައިން ޔޫކްރެއިންގެ އިންޖީނުގެތަކުގެ ތިންބައިކުޅަ އެއްބައި ހަލާކުކޮށްލާފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

"އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޔޫކްރެއިންގެ އިންޖީނުގެތަކުގެ 30 އިންސައްތަ ހަލާކުވެ، މުޅި ގައުމުން ކަރަންޓް ކެނޑުމުގެ މައްސަލަތައް ކުރިމަތިވި،" ޒެލެންސްކީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ޖާގައެއް ނެތް ކަމަށްވެސް ޒެލެންކްސީ ވިދާޅުވި އެވެ.

ޔޫކްރެއިންގެ ވެރިރަށް ކިއެވް ހިމެނޭ ގޮތަށް ބޮޑެތި ސިޓީތަކުން ކަރަންޓު ކެނޑިފައި މިވަނީ އަންގާރަ ދުވަހު އަލަށް ފެށި ހަމަލާތަކުގެ ސަބަބުން ހަކަތައިގެ ހިދުމަތްދޭ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުންނެވެ.

ކިއެވްގައި ހަކަތަ އުފައްދާ ކުންފުނި ޑީޓީއީކޭ އިން ބުނީ ވެރިރަށުގެ ރައްޔިތުންނަށް ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށް "ހުރަސްތަކެއް" ކުރިމަތިވެފައިވާ ކަމަށެވެ.

"އިންޖިނިއަރުން ދަނީ އެ ސިޓީގެ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ބަލަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން،" އެ ކުންފުނިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ކިއޭވްގެ މޭޔަރު ވިޓަލީ ކްލިޓްޝްކޯ ވަނީ ކަރަންޓު "ވީހާވެސް ބޮޑަށް" ރައްކާ ކުރުމަށާއި ހަކަތަ ހޭދަވާ މިންވަރު ގިނަ ސާމާނު ބޭނުން ނުކުރުމަށް ގޮވާލައްވާފައެވެ.

ކިއެވްގެ ހުޅަނގުގައި އޮންނަ ޒައިޓޮމިރު ސަރަހައްދުގެ ބައެއް ހިސާބުތަކުން ވެސް ކަރަންޓު ކެނޑިފައި ވާއިރު އެއީވެސް ހަކަތައިގެ މަރުކަޒަކަށް ދިން ހަމަލާތަކާއި ގުޅިގެން ވީ ކަމަށް ގަވަރުނަރު ވިޓަލީ ބުނެޗްކޯ ވިދާޅުވި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސަރަހައްދުގެ މައި ސިޓީ ޒައިޓޮމިރުގައި ކަރަންޓާއި ފެން ނެތް ކަމަށާއި ހޮސްޕިޓަލްތަކުން "ބެކަޕް ޕަވާ ސަޕްލައި" ގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޭޔަރު ސަރްގީ ޝުޚޮމްލިން ފޭސްބުކްގައި ވިދާޅުވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައިރާން

    ބަލަ އިހަކަށްދުވަހަކު ހުޅަނގުގެ ގައުމުތަކާއި އެމެރިކާއިން ބުނި ރަޝިޔާގައި މިހާރު ހަތިޔާރު ނެތޯ ދެން ހުރީ ފެންބަޑިއޭ. ޔުކްރޭނުގެ ލަޝްކަރު އަރާ ބާރުގައި އަރައި ރަޝިޔާ ސިފައިން ހަންމަތަކޮށްފިޔޯ. ގޭމްޗޭންޖަރއޭ ކިޔާ މާވަރުގަދަ މިސައިލް ސިސްޓަމެއް އެމެރިކާއިން ދިން ފަހުން ރަޝިޔާ އޮތީ ނޭވާހޮޅިއަށް އެޅިފައޭ. މިކަހަލަ އެތައް ވާހަކައެއް މިވެރިން ދައްކައި ސަޅިބައިސާ ކަނޑައި ނިމުނީ ޕޫޓިން ކުޑައިނގިލި ހަލުވާލާއިރަށް ތިޔަ ބުނަނީ 30 އިންސައްތައަށް ކަރަންޓެއް ނެތޯ. އަނެއްކާ ތިޔައީ ކޮންޒާތެއްގެ ވާހަކައެއްތަ!

    18
    1
    • ޖުހާ.

      އެއީ ހުޅަނގުގެ ޕުރޮޕެގެންޑާ.