އިންޑިއާގެ އުއްތަރަކާންދުގެ ރުދްރަޕްރަޔާގް ޑިސްޓްރިކްޓްގައި ދަތުރުކުރަމުން ދިޔަ ހެލިކޮޕްޓަރެއް ފަރުބަދައެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ޕައިލެޓާއި އެކު ހަ މީހަކު މަރުވެއްޖެއެވެ.

ޕްރައިމަރީ ރިޕޯޓްތައް ބުނާ ގޮތުން ދިއްލީގެ އާރިޔަން އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްގެ މި ހެލިކޮޕްޓަރު ކެދަރްނާތު އިން އެނބުރި ދަތުރުކުރަމުން ދަނިކޮށް ގަރުދު ޗައްޓީ ކައިރިއަށް ވެއްޓުނީ ފުރިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.

ސްޓޭޓް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެސްޑީއާރްއެފް) އާއި ޑިސްޓްރިކްޓް ފުލުހުންގެ ޓީމްތަކާ އެކު އެ ސަރަހައްދުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ. ނަމަވެސް އެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އޮޕަރޭޝަނަށް ވަނީ ހުރަސް އެޅިފަ އެވެ.

އެސްޑީއާރުއެފުން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާ ހިނގާފައިވަނީ ލިންޗޯލީ އާއި ގަރުޑް ޗައްޓީއާ ދެމެދު ކަމަށާއި ކެދާރްނާތު އާއި ލިންޗޯލީގެ ރެސްކިއު ޓީމުތައް އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.

"ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް އެބަދޭ. އެ ހެލިކޮޕްޓަރަކީ އާރިޔަން ކުންފުނީގެ ހެލިކޮޕްޓަރެއް ކަމަށާއި އެ ހެލިކޮޕްޓަރުގައި ހަތް މީހުން ދަތުރުކުރަމުން ދިޔަ ކަމަށް ވޭ. ވިއްސާރައިގެ ސަބަބުން "ވިޒިބިލިޓީ" ދަށްވެ ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދައެއްގައި ޖެހިގެން،" ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު