އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ މީހަކު ޝަހީދުކޮށްލައިފިއެވެ.

އުމުރުން 54 އަހަރުގެ ހާބިސް އަބްދުލްހަފީޒް ރަޔާން ކިޔާ މީހަކު ޝަހީދުކޮށްލީ އިސްރާއީލުގެ ސިފައިންގެ މީހެއް ގައިގައި އުޅަނދަކުން ޖައްސާ، އަދި އޭނާއަށް ތޫނު އެއްޗަކުން ހަމަލާދިންކަމަށް ތުހުމަތުކޮށްފައެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން ދިރިއުޅޭ ތަނާ ދިމާލުގައި ހުރި އިސްރާއީލުގެ އަސްކަރީ ޗެކްޕޮއިންޓެއް ކައިރީގައެވެ.

އިސްރާއީލުގެ ސިފައިން ބުނެފައިވާ ގޮތުގައި، ރަޔާން އޭނާ އިން އުޅަނދުން ފައިބައިގެން ސިފައިންގެ މީހާއަށް ހަމަލާދިނުމަށް އައީ ކޯރާޑިއެއް ހިފައިގެންނެވެ. ސިފައިންގެ މީހާ ވަނީ އޭނާ ހުއްޓުވުމަށް އޭނާގެ ގަޔަށް ބަޑި ޖަހައިފައެވެ. އަދި ސިފައިންގެ މީހާއަށް ވަނީ ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ކަމަށާއި އޭނާވަނީ މިހާރު ހޮސްޕިޓަލަށް ގެންދެވިފައި ކަމަށް އިސްރާއީލްގެ ސިފައިން ބުނެފައިވެއެވެ.

މަންޒަރުދުށް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ފުރަތަމަ ރަޔާންގެ ގަޔަށް ބަޑި ޖަހާފައި ވަނީ އިސްރާއީލުގެ ސިފައިންނެވެ.

ގުދުސްގެ ހުޅަނގު އުތުރުގައި އޮންނަ އަވަށެއްގައި ދިރިއުޅޭ ރަޔާންގެ ފިރިހެންދަރިފުޅު، އާސިމް މިހާރުވެސް ހުރީ އިސްރާއީލުގެ ޖަލެއްގައި ބަންދުކޮށްފައެވެ.

މިދިޔަ މާޗުމަހުން ފެށިގެން ކޮންމެދުވަހަކުހެން ދެމުންދާ އެކި ހަމަލާތަކުގައި މިހާތަނަށް އިސްރާއީލުން ވަނީ ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުން ދިރިއުޅޭ ގިނަ އަވަށްތަކުން އެތައް ބަޔަކު ޝަހީދުކޮށްލާފައެވެ. އިސްރާއީލުން ގާނޫނާ ހިލާފަށް އެތަން ހިފާފާއިވަނީ 1967 ވަނައަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހުމަދުވަގާރު

    ހަމަލާ ދިނެއް ނު. ދެން ބަޑި ޖަހާނެ އެއްނު. ސޯމާލިޔާގަ ޕީސްފުލް ގުރޫޕް އިން 100 މީހުން ގޮއްވާލައިފި