ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާގެ ހައި ސްޕީޑް ރޭލް ޓެކްނޮލޮޖީ ފުރަތަމަ ފަހަރަށް ބޭނުން ކުރަން ފަށާ ބޭރު ގައުމަކަށް ޕާކިސްތާން ވެއްޖެ އެވެ.

ޗައިނާއިން ޕާކިސްތާނަށް 160 ކިލޯމީޓަރުގެ ހައި ސްޕީޑް ރޭލް ޓެކްނޮލޮޖީ ނުވަތަ ބާރު މިނުގައި ދުއްވާ ރޭލް ޓެކްނޮލޮޖީ އެކްސްޕޯޓް ކުރާނެ ކަމަށް އެ ގައުމުގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ވަނީ ބުނެފައެވެ. އެގޮތުން 46 ރޭލު ކެރެޖްގެ ފުރަތަމަ ބެޗް ލޯޑްކޮށް ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރޭލަށް ބޭނުންވާ އިތުރު 184 އުޅަނދުގެ ބައިތައް ޕާކިސްތާނަށް "އެސެމްބްލް" ކުރުމަށް ފޯރުކޮށްދޭނެ ކަމަށާއި މިއީ ޗައިނާއިން މި ޓެކްނޮލޮޖީ އެކްސްޕޯޓްކުރި ފުރަތަމަ ފަހަރު ކަމަށް އެ ރިޕޯޓުގައި ވެއެވެ.

މިކަން ހާމަކޮށްފައި މިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން ބުދަ ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާ ބައްދަލުކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.

ޒަމާނުއްސުރެ ޗައިނާގެ ބައިވެރިއެއްގެ ގޮތުގައި އޮތް ޕާކިސްތާނުގައި ހިނގަމުންދާ ތަރައްގީތަކާއި މަޝްރޫއުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކާއެކުވެސް ޗައިނާއިން ހިންގާ މަގުތަކާއި ރޭލާއިކަނޑު މަގުތައް ރަނގަޅު ކުރުމަށް ޝީގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) ގެ ދަށުން ހިންގާ މަޝްރޫއުތަކެކެވެ.

ޕާކިސްތާނުގެ މާލީ ހާލަތު ހަމައަކަށް އެޅުވުމަށް ޕާކިސްތާނުން މަސައްކަތް ކުރާއިރު، ޗައިނާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޝީއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތާއީދު

    ވަރަށް އުފާވެރި ޚަބަރެއް. އިސްލާމީ ގައުމެއް ތަރައްޤީވަމުން ދާނަމަ އެމެރިކާ ވަރަށް ހިތްދަތިވާނެ. އެހެންވެގެންތާ ބައިޑަންއަށް ޕާކިސްތާނު ނުރައްކާތެރި ގައުމަކަށް މިވީ. އެކަމަކު ޕާކިސްތާނުގައި ނިއުކްލިއަރ ހަތިޔާރު ހުރީމާ ބޭނުން އެއްޗެއް ހަދަން ނުކެރިފައި އެތިބެނީ.

    • ޢަހުމަދުވަގާރު

      އެކަމަކު ސައުދީ ގަތަރު ތަންތަނުގެ އެންމެ ގާތް ބައިވެރިޔާ އެމެރިކާ. ދެން ޕާކިސްތާނު ތަރައްގީ ވަނި ޔޭ ބުނީމާ އަންނަނީ އަމަޝަކު ހިންޏެއް ނޫން

      1
      1