މަކުނު ވިދުރި (މަންކީ ޕޮކްސް) އަކީ ދުނިޔޭގެ ސިއްހަތަށް ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައިވާ އޮތް އޮތުން ދަންމާލަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އެ ޖަމިއްޔާގެ އިމަޖެންސީ ކޮމިޓީން ނިންމައިފިއެވެ.

މިއަހަރުގެ މެއި މަހު ކުއްލިއަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެން ފެށި މި ވައިރަސްއާ ބެހޭ ގޮތުން އޮކްޓޯބަރު 20 ވަނަ ދުވަހު ބޭއްވި ބައްދަލުވުމަކަށް ފަހު، ތަޖުރިބާކާރުން އިއްތިފާގުން ދެކޭ ގޮތުގައި މި ބައްޔަކީ "ޕަބްލިކް ހެލްތު އިމަޖެންސީ އޮފް އިންޓަނޭޝަނަލް ކޮންސާންގެ ކްރައިޓީރިއާ"ގައި ވާ ބައްޔެކެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ވަނީ ތަޖުރިބާކާރުންގެ ލަފާ ގަބޫލުކޮށް އެއްބަސްވެވަޑައިގެންފައެވެ.

މީގެ ހަ މަސް ކުރިން ޒަމާނުއްސުރެ މި ބަލި ފެތުރިފައިވާ ހުޅަނގު އެފްރިކާގެ ގައުމުތަކުން ވެސް ކުއްލިއަކަށް އެ ބަލި ފެތުރެން ފެށި ފަހުން 109 ގައުމެއްގައި 77،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހުނެވެ. އޭގެ ތެރެއިން 36 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ.

ނަމަވެސް މި އަހަރު އެންމެ ފުރަތަމަ ބަލި ފެތުރެމުން ދިޔަ ގައުމުތަކުގައި މި ބައްޔަށް ފައްސިވާ މީހުންގެ އަދަދުތައްވެސް ވަނީ ދަށްވެފައެވެ.

އަދި ދުނިޔެއިން ފައްސިވާ އަދަދުތައްވެސް ވަނީ ފާއިތުވެދިޔަ ހަފްތާއާ އަޅާކިޔާއިރު، 41 އިންސައްތަ ދަށް ވެފައެވެ.

އެކަމަކު ޑަބްލިއުއެޗްއޯގެ ކުއްލި ކޮމިޓީން ފާހަގަކުރި ގޮތުގައި މި ބައްޔާއި ގުޅޭގޮޮތުން ކަންބޮޑުވާން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.