ފާހާނާގައި ހުންނަ އެއްވެސް އެއްޗެއް ސްރީލަންކާއަށް އެތެރެ ކުރުން އެގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ. ސްރީލަންކާ ސަރުކާރުން މިފިޔަވަޅު އެޅީ އެގައުމަށް ކުރިމަތިވެފައިވާ ބޭރު ފައިސާ ލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

ސްރީލަންކާގެ ސަރުކާރުން ބުނާ ގޮތުގައި ފާހާނާ ތައްޓާއި، ފާހާނާގައި ބޭނުން ކުރާ އެހެނިހެން ސާމާނު ސްރީލަންކާއަށް ބޭނުންވާ މިންވަރަށް އެގައުމުގައި އުފެއްދެއެވެ.

ނަމަވެސް ސްރީލަންކާގެ ޔޫނިއަންތަކުން ވަނީ ސަރުކާރުގެ މިނިންމުމާއި ދެކޮޅު ހަދާފައެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ފާހާނާގައި ބޭނުންކުރާ ތަކެތި އެތެރެ ކުރުން ސަރުކާރުން މަނާ ކުރުމަކީ ކަސްޓަމަރުންގެ ހައްގުތައް ގެއްލިގެން ދާނެ ކަމެކެވެ. ކަސްޓަމަރުން ބޭނުންވާ ގޮތައް ފާހާނާތައް ޑިޒައިން ކުރުމުގެ ފުރުސަތު މިހާރު ގެއްލިފައިވާ ކަމަށް ޔޫނިއަންތަކުން ބުނެއެވެ.

އަދި ސަރުކާރުން ނެރޭ އިއުލާނަކުން އެގައުމަށް ބައެއް ބާވަތްތަކުގެ މުދާ އެތެރެ ކުރުން މަނާ ނުކުރެވޭނެ ކަމަށް ވެސް ޔޫނިއަންތަކުން ބުނެއެވެ. ޔޫނިއަންތަކުން ބުނާ ގޮތުގައި އެގައުމަށް ވަކި އެއްޗެއް އެތެރެ ކުރުން މަނާ ކުރާނަމަ އެކަން ކުރަން ޖެހޭނީ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައި، ގާނޫނެއް ފާސްކޮށްގެންނެވެ.

ސްރީލަންކާ އަކީ ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލް މަންޒިލަކަށް ވާއިރު ހާއްސަކޮށް ހޮޓާތަކުގައި ހުންނަން ޖެހޭ ފާހާނާތައް ފަތުރުވެރިން ބޭނުންވާ މިންވަރަށް ރީތިކޮށް ނުހެދިދާނެ ކަމަށް ސްރީލަންކާގެ އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ސްރީލަންކާ އަށް ކުރިމަތިވެފައިވާ ބޭރު ފައިސާ ލިބުމުގެ ދަތިކަން ހައްލު ކުރުމަށް އެގައުމުގެ ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބޭރު ގައުމުތަކުގައި މަސައްކަތް ކުރުމަށް ސްރީލަންކާ ރައްޔިތުން ދަތުރު ކުރަން ވެސް މިހާރު ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތިވާނީ ލަންކާ މީހުން ފާޚާނާކުރުން މަނާކުރީކަމަށް