ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއަކުން އޭނާ ވަރަށް ހަނިގޮތަކަަށް ސަލާމަތް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މަޑުރޯ ސިފައިންގެ ޕެރޭޑެއްގައި އާންމުނާއި މުހާތަބު ކުރައްވައި ވާހަކަ ދައްކަން ހުންނަވަނިކޮށް ޑްރޯންއެއް ބޭނުން ކޮށްގެންނެވެ. ގޮވާ ތަކެތި ހަރުކޮށްފައި ހުރި ދެ ޑްރޯން ވަނީ މަޑުރޯގެ ވަރަށް ކައިރިން ގޮއްވާލާފައެވެ.

މިހާދިސާގައި މަޑޫރޯއަށް ގެއްލުމެއް ނުލިބުނު ނަމަވެސް ސިފައިންގެ 7 މީހަކު ވަނީ ޒަހަމް ވެފައެވެ. ހާދިސާ ހިންގިތާ ކުޑައިރުކޮޅެއް ފަހުން ވަނީ ގިނަ އަދަދެއްގެ އާންމުންގެ ބަޔަކުވެސް ހައްޔަރު ކޮއްފައެވެ.

ވެނެޒުއޭލާއިން ވަނީ މިހަމަލާ އަކީ މަޑުރޯ މަރާލަން ކޮލަމްބިއާ އަޑީގަ އޮވެގެން ރޭވުމެއްގެ ތެރެއިން ދިން ހަމަލާއެއް ކަމަށް ތުހުމަތު ކޮއްފައެވެ. ނަމަވެސް ކޮލަމްބިއާއިން މި ތުހުމަތުތަށް ދޮގުކުރެއެވެ.

ވެނެޒުއޭލާގެ ސިފައިންގެ 81 އެއްވަނަ އަހަރީ ދުވަހުގެ ރަސްމިޔާތުގައި ހިންގި މި ހާދިސާގައި މަޑުރޯ އަށް އަނިޔާ ނުވި ނަމަވެސް މި ހަމަލާއަކީ މަޑޫރޯ އަވަހާރަ ކޮއްލާނެ ފަދަ ނުރައްކާތެރި ހަމަލާއެއް ކަމަށް މީޑިއާ ރިޕޯޓް ތަށް ބުނެއެވެ.

މި ހަމަލާ ދިން ފަހުން ވެސް މަޑޫރޯ ވަނީ އޭނާގެ ހަށި ފާރަވެރިންނާއި އެކު އެއްވެފައިވާ އާންމުނާއި މުހާތަބު ކުރައްވާފައެވެ.

މަޑުރޯ ވިދާޅުވީ އޭނާގެ ކައިރިން ދެ ގޮވުމެއް ގޮވި ކަމަށާއި އޭގެން އެއްގޮވުން އާދަޔާ ހިލާފަށް ބާރުގަދަ ކަމަށެވެ.

މި ހަމަލާ ދީފައި މިވަނީ މަޑުރޯ އާއި އޭނާގެ ސަރުކާރަށް ހުޅަގާއި އެމެރިކާއިން ބޮޑެތި ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނިކޮށެވެ. ދަތިކުރުމުގެ ފިޔަވަޅުތަށް އެޅިނަމަވެސް މަޑޫރޯ ހުންނެއްވީ ދޫދެއްވާ ގޮތަކަށް ނޫނެވެ.

ވެނެޒުއޭލާއިން ވަނީ މީގެ ކުރިން އެމެރިކާ އަޑީގައި އޮވެގެން އެގައުމުގެ ސަރުކާރު ވައްޓާލަން އެތަށް ފަހަރަކު މައްސަކަތެއް ކުރި ކަމަށް ވެސް ތުހުމަތު ކޮއްފައެވެ.