ބަހްރެއިންއިން ފުރައިގެން ޕެރިހުގެ ޗާލްސް ޑި ގޯލް އެއާޕޯޓަށް ދަތުރުކުރި ގަލްފް އެއާގެ ފްލައިޓެއްގެ ފަޅުވެރިއަކު ހާޓް އެޓޭކެއް ޖެހިގެން ފްލައިޓް ޑައިވާޓްކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ އޭ9ސީ-އެންއީ ރަޖިސްޓްރީކޮށްފައިވާ ގަލްފް އެއާބަސް އޭ321 މަރުކާގެ މަތިންދާބޯޓު ބަހްރެއިން އާއި ފަރަންސޭސިވިލާތާ ދެމެދު ޝެޑިއުލް ދަތުރުތައް ކުރަމުން ދަނިކޮށެވެ.

ބަހްރެއިން ނިއުސް އެޖެންސީން ބުނި ގޮތުގައި މި މަތިންދާބޯޓު އިރާގުގެ އެރްބިލް އަށް ޖެއްސި އިރު، އެ ބޯޓުގެ ފަޅުވެރިޔާ ވަނީ މަރުވެފަ އެވެ.

ފްލައިޓް ޖީއެފް19 ގެ ހިދުމަތް ފަހުން ޝެޑިއުލާ އެއްގޮތަށް އަލުން ވަނީ ފަށައިފައެވެ. ބަހްރެއިންގެ ގައުމީ އެއާލައިން އިން ބުނީ އެ އެއާލައިންގެ ފަސިންޖަރުންނާއި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.

"ފަޅުވެރިޔާގެ އާއިލާއަށާއި ގާތް ތިމާގެ މީހުންނަށް ތައުޒިޔާ ވަނީ ފޮނުވާފައި. ފްލައިޓްގެ ދަތުރުވެރިންގެ ކެތްތެރިކަމާއި ވިސްނުމަށް ޝުކުރު އަދާކުރަން". އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ގަލްފް އެއާ އިން ބުނި ގޮތުގައި އޭ9ސީ-އެންއީ އިން ޕެރިހަށް ދަތުރުކުރަމުން ދިޔައީ އެ މުވައްޒަފު ލޯކަލް މެޑިކަލް ސާވިސްއިން ގެންދިއުމަށް ފަހު އެވެ. ފަޅުވެރިޔާ މަރުވެފައިވަނީ އެރުބިލްއަށް ގެންދިޔަ ފަހުންނެވެ.

އާންމުކޮށް ދިގު ދަތުރުތަކަށް ފަހު އަބަދުވެސް ފަޅުވެރިންނާއި ކެޕްޓަނުންގެ ޑިއުޓީވެސް ބަދަލުވާކަން ފާހަގަ ކުރެވެއެވެ. އަދި މަސައްކަތް ކުރަން އަންގާފައި އޮންނަ ގަޑިއަށްވުރެ އިތުރަށް މަސައްކަތް ނުކުރުވާކަންވެސް ފާހަގަ ކުރެވެއެވެ.