އިންޑޮނޭޝިއާ އަށް މިއަދު ހަވީރު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 22 އަށް އަރައިފި ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިންޑޮނޭޝިއާގެ ލޮމްބޮކް ސަރަހައްދަށް 07 މެގްނެޓިއުޑްގައި އައި ބާރުގަދަ ބިންހެލުމަށް ފަހު އަންނަނީ ވަރަށް ބާރުގަދަ ލޮޅުންތަކެއް ވެސް އަރަމުންނެވެ. ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް މިހާރު ވަނީ ސުނާމީގެ އިންޒާރު އުވާލާފައެވެ. އެއްވެސް ސަރަހައްދަކަށް ސުނާމީ އަރާފައެއް ނުވެއެވެ.

އިންޑޮނޭޝިއާގެ އޮފިޝަލަކު އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނީ މަރުވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. ބިންހެލުމުގެ ސަބަބުން އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށާއި އެހެންކަމުން ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ވެސް އޮފިޝަލް ބުންޏެވެ.

ބިންހެލުމާއި ގުޅިގެން ލޮމްބޮކްގެ މައި ސިޓީ ކަމަށްވާ މަޓަރަމްގެ ގިނަ އިމާރާތްތައް ވަނީ ވެއްޓިފައެވެ. ނުވެއްޓި ހުރި ގިނަ އިމާރާތްތަކަށް ވަނީ ބިންހެލުމުގެ އަސަރު ކޮށްފައެވެ. އެސިޓީގެ ބޮޑު ސަރަހައްދުން ވަނީ ކަރަންޓްގެ ޚިދުމަތް ވެސް މެދުކެނޑިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ލޮމްބޮކް ކައިރީގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލް ބާލީ ވެސް ވަނީ އިތުރު ލޮޅުމެއް އަތުވެދާނެ ކަމަށް ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. ބާލީގެ އިމާރާތްތަކުން ވަނީ މީހުން ހުސްކޮށްފައެވެ. މީހުން މަގުމަތީގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ. ބާލީގެ މަޝްހޫރު ޑެންޕަސާ ހޮސްޕިޓަލްގެ ޑޮކްޓަރުން ވެސް ބަލިމީހުންނަށް ފަރުވާ ދެމުންދަނީ މަގުމަތީގައެވެ.

އިންޑޮނޭޝިއާ އޮންނަ ސަރަހައްދުގެ ގޮތުން އެގައުމަށް ވަރަށް ގިނައިން ބިންހެލުންތައް އާދެއެވެ.

ކިޔުންތެރިންގެ ހިޔާލު