ތެލުގެ އަގު ކޮންޓްރޯލްކުރުމަށް އަމަލުކުރާ ޤައުމުތަކަށާއި ކުންފުނިތަކަށް ތެޔޮ ވިއްކުން މެދުކަނޑާލުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ނިންމައިފިއެވެ.

ދެކޮޅަށް އަޅާ ފިޔަވަޅުގެ ތެރެއިން ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ޖީ7 ގްރޫޕްގެ ގައުމުތަކާއި އޮސްޓްރޭލިއާ އަދި އީޔޫއިން އެއްބަސްވެފައިވާ ގޮތަށް އަމަލުކުރަން ފެށީ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ޕްރައިޒް ކެޕްގެ ދަށުން ރަޝިޔާގެ ތެޔޮ ފީފާއަކަށް 60 ޑޮލަރު ،56 ޔޫރޯ ނުވަތަ 50 ޕައުންޑްއަށްވުރެ މަތީ އަގެއް ދައްކަން ގައުމުތަކުން މަނާކޮށްފައިވެއެވެ.

ރަޝިޔާގެ މި ނިންމުމަށް 1 ފެބްރުއަރީ އިން ފެށިގެން 1 ޖުލައިގެ ނިޔަލަށް ފަސް މަސް ދުވަހުގެ މުއްދަތަށް އަމަލުކުރަން ފަށާނެ ކަމަށް އެ ޤައުމުން ރިޕޯޓްކޮށްފައިވެއެވެ. ދުނިޔޭގެ ބޮޑެތި އިގްތިސާދީ ބާރުތައް ހިމެނޭ ޖީ7 ގްރޫޕުން އެންމެ ފުރަތަމަ ތެލުގެ އަގު ކޮންޓްރޯލް ކުރުމުގެ ޚިޔާލު ހުށަހެޅީ ސެޕްޓެމްބަރު މަހުއެވެ. އެއީ ޔޫކްރޭންގެ ހަނގުރާމައަށް ފައިނޭންސް ކުރުމަށް ރަޝިޔާއިން އެ ޤައުމުގެ ތެލުގެ އާމްދަނީ ބޭނުންކުރުން ހުއްޓުވުމަށެވެ.

ހުޅަނގުން ރަޝިޔާގެ ތެލަށް އޮތް ޑިމާންޑް ދަށްވި ނަމަވެސް، ތެލުގެ އަގު ބޮޑުވުމާއި އިންޑިއާ އާއި ޗައިނާ ހިމެނޭ ގޮތަށް އެހެން ތަންތަނުގެ ޑިމާންޑް ބޮޑުވުމުން ރަޝިޔާއަށް ތެލުގެ ވިޔަފާރިން ލިބެމުންދާ އާމްދަނީ ބޮޑުވެފައިވެއެވެ. އީޔޫގައި މިހާރު ވެސް 60 ޑޮލަރަށްވުރެ އަގު ބޮޑު ރަޝިޔާގެ ސާފުނުކުރާ ތެޔޮ އެތެރެކުރުން އެއްކޮށް ހުއްޓާލާފައިވާއިރު، އިނގިރޭސިވިލާތާއި އެމެރިކާ އަދި އެހެން ގައުމުތަކުން ވެސް ދަނީ ރަޝިޔާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުަތައް އަޅަމުންނެވެ.

މިކަމާއި ބެހޭގޮތުން މި މަހުގެ ކުރީކޮޅު ޔޫކްރޭންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވަނީ ތެލުގެ އަގު ކޮންޓްރޯލްކުރުމަކީ ރަޝިޔާގެ އިގްތިސާދަށް ގެއްލުންވާ ވަރަށް "ސީރިއަސް" ޚިޔާލެއް ނޫން ކަމަށާއި "ބަލިކަށި" ޚިޔާލެއް ކަމަށް ވިދާޅުވެފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަރީ

    ދެން މާކަށް ގިނަދުވަހެއް ނެތް.. ދެން ކުރިޔަށް އޮތީ ތިންވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު. އޭގެ ކުރީން އަމިއްލަ އާއިލާއާއިއެކު އުފާވެރި ވަގުތު ހޭދަކޮށް ތައުބާވެ ދީނީ ވާޖިބުތަށް އަދާކޮށް ހައްޖުވެ އުމުރާވެވޭތޯ އެންމެން މަސައްކަތްކުރުމަށް ނަސޭހަތްތެރިވަން. ް

    11
    • Anonymous

      ތިންވަނަ ބޮޑު ހަނގުރާމަ ފެށިއްޖެނަމަ މައްކާއަށް ނުދެވޭނެ. ސަރީ ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް.