މަސްޖިދުލް އަގްސާގެ އިމާމް ޝައިހް އިކްރީމާ ސަބީރީ ދިރިއުޅޭ ގެ، އިސްރާއީލްގެ އިންޓެލިޖެންސް އިން ރެއިޑްކޮށްފިއެވެ.

އިރުމަތީ ގުދުސްގައި ހުންނަ ސަބީރީގެ ގެއަށް އިސްރާއީލްގެ ޖާސޫސުން ވަތް ކަމަށް އާއިލާގެ މެމްބަރުން ވަނީ ބުނެފައެވެ. އިސްރާއީލްގެ ޖާސޫސުން އެ ގެއަށް ވަނީ ކީއްވެ ކަން ނޭނގޭ އިރު، އެ ގެއިން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވެއެވެ.

"އެއްވެސް ސަބަބެއް ހާމަނުކޮށް އޭނާ އާ ސުވާލު ކުރަން ވެސް ގެންދިޔަ،" ސަބީރީގެ އާއިލީ މެންބަރަކު މީޑިއާއަކަށް ކިޔައި ދިނެވެ.

މިކަމާ ގުޅިގެން އިސްރާއީލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން އަނިޔާވެރިވަމުންދާތީ އެކަމާ ދެކޮޅަށް ފާޑު ކިޔާ ސަބީރީ، މީގެ ކުރިން އެކިފަހަރުމަތިން އިސްރާއީލްގެ ސިފައިން ވަނީ ހައްޔަރު ވެސް ކޮށްފައެވެ.

ސަބީރީ ވަނީ ގުދުސް އާއި ފަލަސްތީނުގެ މުފްތީކަން 1994 އިން 2006 އަށް ކޮށްފައެވެ.

މަސްޖިދުލް އަގްސާ އަކީ މުސްލިމްގެ ތިން ވަނަ އަށް އެންމެ މުގައްދަސް ބިނާއެވެ. އެކަމަކު، ޔަހޫދީން ބުނަމުން އަންނަނީ އެމަތިވެރި މިސްކިތަކީ އެމީހުންގެ ފައްޅިއެއް ކަމަށެވެ.

ގުދުސަކީ އިސްލާމްދީނުގެ އެންމެ މާތް ތައުހީދު ދެނެގަތް ދެވަނަ ރަށެވެ. އެ ބިމަކީ ގިނަ އަދަދެއްގެ ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުން އެ ބިމަކަށް އުފަންވެވަޑައިގެން ހުސްޠާހިރުވަންތަ ބިމެކެވެ. އަދި ކިރިތި ރަސޫލާ ހުރިހާ ނަބީބޭކަލުންގެ އިމާމަކަށް ވެ ވަޑައިގެން ނަމާދު ކުރެއްވީވެސް ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާގައެވެ. އެ ބިމަކީ ކީރިތި ރަސޫލާ އިސްރާ ދަތުރުފުޅު ފެއްޓެވި ބިންވެސް މެއެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އިސްރާއީލުގެ ގަދަބާރުގެ ދަށަށް ގެނައީ 1967 ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމައިގައެވެ.