ޗައިނާ އިން ދަތުރު ކުރާ ދަތުރުވެރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް، ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް ޗައިނާ އިން ކުށްވެރިކޮށްފިއެވެ.

ބައެއް ގައުމުތަކަށް ދާ ޗައިނާގެ ދަތުރުވެރިން ކޮވިޑަށް ޓެސްޓުކުރަން ޖެހޭގޮތަށް ފިޔަވަޅުތައް އަޅަމުންދާއިރު، އޭގެ ރައްދުގައި ޗައިނާއިންވެސް އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެގައުމުން ވަނީ ދީފައެވެ.

އެމެރިކާ، ކެނެޑާ، ފްރާންސް، ޖަޕާން ހިމެނޭހެން އަދިވެސް އިތުރު ގައުމުތަކަށް އެތެރެވާއިރު، ޗައިނާގެ ދަތުރުވެރިންނަށް ކޮވިޑްގެ ނައްސި ނަތީޖާއެއް ބޭނުންވާނެއެވެ.

"ބައެއް ގައުމުތަކުން އެގައުމުތަކަށް އެތެރެވުމުގައި ފިޔަވަޅުތަކެއް އަޅާފައިވަނީ ހަމައެކަނި ޗައިނާގެ ދަތުރުވެރިންނަށް އަމާޒުކޮށްގެން. މި ކަމުގައި ސައިންޓިފިކް އެއްވެސް ބުރަދަނެއް ނެތް. އަދި މި އުސޫލު ބަލައެއް ނުގަނެވޭނެ." ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވެފައިވެއެވެ.

ޗައިނާގައި ގެންގުޅުނު ޒީރޯ ކޮވިޑް ސިޔާސަތު ދޫކޮށްލާ، އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާއެކު ޗައިނާގައި ދަނީ ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންނެވެ. އެއާއެކު ވެކްސިން ނުޖަހާ ބޮޑު އާބާދީއެއް އޮންނަ ޗައިނާގައި އެތައް ބަޔަކަށް ބަލި ޖެހި، ހޮސްޕިޓަލުތަކަށްވެސް ވަނީ ބާރުބޮޑުވެފައެވެ.

ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން، ޗައިނާއަށް އެތެރެވާއިރު ކަރަންޓީނު ކުރަން ނުޖެހޭނެ ކަމަށް މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާއިން ވަނީ އިއުލާން ކޮށްފައެވެ. އެއާއެކު އެގައުމުގެ އެތައް ރައްޔިތުންނެއް ވަނީ ގައުމުން ބޭރަށް ދަތުރުކުރުމަށްޓަކައި ތިން އަހަރު ވަންދެން ކުރި އިންތިޒާރު ނިމުމަކަށް ގެނެސް، ދަތުރުތަކަށް ތައްޔާރުވާން ފަށައިފައެވެ.

ޗައިނާގެ ދަތުރުވެރިންނާ މެދު ކޮވިޑް ފިޔަވަޅުތައް އެޅި ގައުމުތަކުން ބުނެފައިވަނީ، މި ފިޔަވަޅުތައް އަޅާފައިވަނީ ބަލީގެ ތަފާސްހިސާބާއި ބެހޭ ސާފު މައުލޫމާތު ޗައިނާއިން ހާމަނުކުރާތީ ކަމަށެވެ. އަދި އެގައުމުތަކުގައި އާ ވޭރިއެންޓްތައް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ކަމަށްވެސް ބައެއް ގައުމުތަކުން ބުނެއެވެ.

ޗައިނާއިން ބުނެފައިވަނީ ކޮވިޑްގައި އެގައުމުން މިދިޔަ ޑިސެމްބަރު މަހު، މަރުވީ 22 މީހުން ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޗައިނާއިން ދަނީ އެތައް ހާސް މީހުންނެއް މަރުވަމުންނެވެ.

ޗައިނާއިން ބައްޔާއި ގުޅިގެން ވަގުތުން ވަގުތަށް ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑްބަލިއުއެޗްއޯ) އިންވެސް ވަނީ ޗައިނާގެ ކިބައިން އެދިފައެވެ.

ޗައިނާގެ ކޮވިޑްގެ ހާލަތާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށްޓަކައި އެގައުމުގެ ސައިންޓިސްޓުން މިއަދު ޑަބަލިއުއެޗްއޯ އާއި އެކު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ވައިރަލް ސީކުއެންސިންގް އާއި، ކޮވިޑާއި ގުޅިގެން އެޑްމިޓް ކުރެވޭ މީހުންނާއި، މަރުވާ މީހުންގެ މައުލޫމާތާއި، ވެކްސިން ޕްރޮގްރާމްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށްވެސް ޑަބަލިއުއެޗްއޯ އިން ވަނީ އެދިފައެވެ.

ނަމަވެސް ކަމާ ބެހޭ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޗައިނާއިން ހުރިހާ މައުލޫމާތެއް ސާފުކޮށް ހާމައެއް ނުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    އެމީހުނަށް ނުލިބުނު ކުރިއެރުމެއް އެހެންބަޔަކަށް ލިބިގެން ނުވާނެ ! ޗައިނާއިން މުޅިދުނިޔެ ފުޑާލަން ނިކުތީ !