ޔޫކްރެއިނާއި ރަޝިއާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ދިން އެންމެ ނުރައްކާތެރި އެއް ހަމަލާގައި ރަޝިއާގެ އެތައް ސިފައިންނެއް މަރުވުމާ ގުޅިގެން ރަޝިއާ މީހުން ރުޅިގަދަވެއްޖެއެވެ.

އެގޮތުން ނުރައްކާތަކަށް ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނެ، ރަޝިއާ ސިފައިންގެ ކޮމާންޑަރުންނަށް އަދަބު ދިނުމަށްވެސް ރަޝިއާގެ ބައެއް ފަރާތްތަކުންނާއި، އިސް އޮފިޝަލުންވެސް ވަނީ ގޮވާލާފައެވެ.

ހަމަލާތަކުގައި މަރުވާ ސިފައިންގެ އަދަދު ރަޝިއާއިން އާންމު ގޮތެއްގައި ހާމަނުކުރި ނަމަވެސް، އާ އަހަރު ފެށުނު ރޭ، ރަޝިއާއިން ހިފާފައިވާ ޑޮނެޓްސްކް ސަރަހައްދުގެ މަކީވްކާ ސިޓީއަށް ޔުކްރޭނުން ދިން ހަމަލާގައި، 63 ސިފައިން މަރުވެފައިވާ ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީންވަނީ ބުނެފައެވެ.

މި ހަމަލާ ދީފައިވަނީ މަކީވްކާގައި ވޮކޭޝަނަލް ސުކޫލެއްގައި ހުރި، ރަޝިއާ ސިފައިން ތިބި ވަގުތީ ބެރެކް އަކަށެވެ.

ސިފައިންގެ އެ މަރުކަޒަށް އެމެރިކާއިން ފޯރުކޮށްދީފައިވާ 'ހިމާސް' ރޮކެޓް ސިސްޓަމް ބޭނުންކޮށްގެން، ޔުކްރޭނުގެ އަސްކަރިއްޔާއިން ހަ ހަމަލާ ފޮނުވާލައިފާ ކަމަށާއި، ރަޝިއާގެ ޑިފެންސުން ދެ މިސައިލު ވައްޓާލާފައިވީ ނަމަވެސް، ހަތަު މިސައިލު ވަނީ އިމާރާތަށް އަމާޒުވެފައިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަމަވެސް މީގެ ކުރިން ޔުކްރޭނުގެ އަސްކަރީ އިދާރާއަކުން ބުނެފައިވަނީ މި ހަމަލާގައި ރަޝިއާގެ 400 ސިފައިން މަރުވެފައިވާ ކަމަށާއި އިތުރު 300 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ނަމަވެސް އޭރުވެސް ރަޝިއާގެ ބައެއް ފަރާތްތަކުން ބުނެފައިވަނީ ފުދޭވަރަކަށް މީހުން މަރުވެފައިވީ ނަމަވެސް، ޔުކްރޭނުން ބުނާހާ ވަރަށް މަރުވެފައިނުވާ ކަމަށެވެ.

ރަޝިއާގެ އަސްކަރީ ބްލޮގަރުން ބުނެފައިވަނީ މަކީވްކާ އަށް ދިން ހަމަލާގައި އެހާ ބޮޑު ގެއްލުމެއް ވެފައިވަނީ، އިމާރާތް ހުރީ ޔުކްރޭނުގެ ރޮކެޓްތައް ފޯރާ ހިސާބުގައި ކަން ކޮމާންޑަރުންނަށް އެނގިތިބެ، ބެރެކްސް ހުރި އިމާރާތުގައި ހަތިޔާރުވެސް ގުދަން ކޮށްފައި ހުރުމުން ކަމަށެވެ.

ޓެލެގްރާމްގައި ހަތް ލައްކައަށްވުރެ ގިނަ ފޮލޯވަރުން ތިބި ރަޝިއާގެ އަސްކަރީ ބްލޮގަރެއް ކަމަށްވާ އާޗަންގަލް ސްޕެޓްޒްނެޒް ބުނެފައިވަނީ މަކީވްކާގައި ހިނގި ހާދިސާއަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.

"ކާކުގެ ހިޔާލެއްތަ އެއީ އެއް އިމާރާތެއްގައި އެހާ ގިނަ މީހުން އެކީގައި ބޭތިއްބުން. މޮޔައަކަށްވެސް އެނގޭނެ އެފަދަ ތަނަކަށް ހަމަލާއެއް އަމާޒުވެއްޖެނަމަ އެތައް ބަޔަކު ޒަހަމްވާނެކަން، ނުވަތަ މަރުވާނެކަން. އެކަމަކުވެސް ކޮމާންޑަރުން އަޅާލާފައެއް ނުވޭ." އޭނާ ބުނެފައިވެއެވެ.

ރަޝިއާގެ ސެނެޓްގެ މެމްބަރުކަން ކުރައްވާ، އަދި ރަޝިއާގެ ބޮޑުވަޒީރުގެ ނައިބުކަން ކުރިން ކުރައްވާފައިވާ ގްރިގޮރީ ކަރަސިން ވަނީ ޔުކްރޭނާއި، ޔުކްރޭނަށް ވާގިވެރިވާ ނޭޓޯގެ ކިބައިން ބަދަލު ހިފުމަށް ގޮވާލާފައެވެ.

އަދި ސެނެޓްގެ ކުރީގެ ޗެއާމަން އަދި މިހާރު މަޖިލީހުގެ މެމްބަރުކަން ކުރައްވާ ސާޖެއި މިރޮނޮވް ވަނީ ރައްކާތެރިކަމެއް ނެތް އިމާރާތެއްގައި އަސްކަރިއްޔާގެ އެހާ ގިނަ އަދަދެއްގެ މެމްބަރުން ތިބުމަށް ހުއްދަދިން އޮފިޝަލުންނާއި، އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދީފައި ނުވާ ހުރިހާ މަތީ އިދާރާތަކުންވެސް" އެކަމުގެ ޖިިނާއީ ޒިންމާ ނަގަން ޖެހޭކަމަށް ވިދާޅުވެފައެވެ.

މިއަހަރު ފެށުނީއްސުރެވެސް ރަޝިއާއިން ދަނީ ހުއްޓުމެއްނެތި ޔުކްރޭނަށް ހަމަލާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު